ސަރުކާރު ކުންފުނިތައް ހިމެނޭ ގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ވޯޓާ އެންޑް ސެވްރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ގާއިމްކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" ފްލެޓް އިފްތިތާހުކޮށްފި އެވެ.
މިއަދު "މަލަސް ރެސިޑެންސް" ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ފްލެޓުތައް އިފްތިތާހުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހް އަދި އެ ކުންފުނީގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުންގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރުގެ އޮފިޝަލުންވެސް ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހް ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް ހުޅުވިގެން ދިޔުމަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މި މަޝްރޫއުއިން އުފާވެރިކަން ލިބުނުކަން ޝާހް ފާހަގަކުރެއްވި އެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަކީ މިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއް،" ޝާހް ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީގެ "މަލަސް ރެސިޑެންސް"ގައި ޖުމްލަ 192 އެޕާޓްމަންޓް ހުރެ އެވެ. މީގެ ތެރޭގައި ތިން ކޮޓަރީގެ 60 އެޕާޓްމަންޓާއި، ދެ ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި އެއް ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެ އެވެ.
މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ހާއްސަ ކުޅޭ ސަރަހައްދަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާކިންގް ޒޯނެއްވެސް ވަނީ ގާއިމްކުރެވިފަ އެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ދި ޓްވެންޓީ ތާޑް މެޓަލާންޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް" އިންނެވެ.
މި ފްލެޓްތަކުގެ އެޕާޓްމަންތައް ލިބިފައިވާ މުއައްޒަފުންނާއި މިހާރު ވަނީ ތަޅުދަނޑި ވެސް ހަވާލުކޮށްފަ އެވެ. އަދި އެމްޑަބްލިޔުއެސްސީން އެޕާޓްމަންޓް ލިބިލެއްވި ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮށް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފަ އެވެ.