ފިނިޕޭޖް

ބީޓީއެސްގެ ޖޭ-ހޯޕް ވެސް އަސްކަރީ ތަމްރީން ފުރިހަމަކުރަނީ

ސައުތް ކޮރެއާގެ މަޝްހޫރު ޕޮޕް ގްރޫޕް -- ބީޓީއެސްގެ ޖޭ-ހޯޕް އަސްކަރީ ހިދުމަތް -- ނެޝަނަލް ސާވިސް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އުމުރުން 29 އަހަރުގެ ޖޭ-ހޯޕްއަކީ މި ގްރޫޕުން އަސްކަރީ ހިދުމަތް ފުރިހަމަ ކުރުމަށް ގުޅޭ ދެވަނަ މެންބަރެވެ.

މި ހަބަރު އާންމުކޮށްފައިވަނީ ބީޓީއެސްގެ އޭޖެންޓް، ބިގްހިޓް މިއުޒިކުން ނެރުނު ބަޔާނެއްގަ އެވެ.

ބިގްހިޓް އިން ބުނީ ޖޭ-ހޯޕް އަސްކަރީ ހިދުމަތްކުރުން ލަސްކުރުން ބާތިލްކުރުމަށް އެދިފައިވާ ކަމަށެވެ. އަދި ޖޭ-ހޯޕް އަސްކަރީ ހިދުމަތް ނިންމާފައި ސަލާމަތުން އެނބުރި ބީޓީއެސްއަށް އަންނަންދެން ފޭނުންގެ ދެމެހެއްޓެނިވި ލޯތްބާއި ސަޕޯޓް ބޭނުންވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި މުއްދަތު ތެރޭގައި ބީޓީއެސް މެންބަރުން ސޯލޯ ޕްރޮޖެކްޓްތަކުގައިވެސް މަސައްކަތްކުރާނެ ކަމަށް އެ ގްރޫޕްގެ ތަރުޖަމާނެއް ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެއާގެ ގާނޫނުގެ ދަށުން ސިއްހަތު ރަނގަޅު ގާބިލް ހުރިހާ ފިރިހެނުން އެމީހުންގެ އުމުރުން 28 އަހަރު ވުމުގެ ކުރިން 18 މަހާއި 21 މަހާ ދެމެދުގެ މުއްދަތުގެ އަސްކަރީ ހިދުމަތް ފުރިހަމަ ކުރަންޖެހެ އެވެ. ބައެއް ހާލަތުގައި (މިސާލަކަށް ކޭ-ޕޮޕް ފަދަ ސްޓާރުންނަށް) 30 އަހަރާ ހަމައަށް ނެޝަނަލް ސާވިސް ފަސްކުރެވިދާނެ އެވެ.

ބީޓީއެސްގެ ހަތް މެންބަރުންގެ މިލިޓަރީ ހިދުމަތް ފުރިހަމަކުރުމަށް އެ ބޭންޑް ވަނީ ބްރޭކެއް ނަގާފަ އެވެ. މިގޮތުން އެ ބޭންޑްގެ އެކި މެންބަރުން އެ މެންބަރެއްގެ ވަކި ޕްލޭނަކާ އެއްގޮތަށް މިލިޓަރީ ހިދުމަތް ފަށާގޮތަށް ހަމަޖެހިފައިވާއިރު، އެ ބޭންޑްގެ އެންމެ ދޮށީ މެންބަރު ޖިންގެ ނެޝަނަލް ސާވިސް ފުރިހަމަކުރުމަށް އަސްކަރިއްޔާއާ ގުޅިފައިވަނީ މިދިޔަ ޑިސެމްބަރު މަހު 13 ވަނަ ދުވަހު އެވެ.

ހުރިހާ މެންބަރުންގެ ނެޝަނަލް ސާވިސް ނިމި، އެންމެނަށް ބީޓީއެސްގެ ގޮތުގައި އެންމެ އަވަހަށް ލަވަކިޔަން ފެށޭނީ 2025 ގައި ކަމަށް ލަފާކުރެވެ އެވެ.