ފިނިޕޭޖް

ކޯޓްނީ ކޮކްސްއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް

"ފްރެންޑްސް" ސީރީޒްގައި މޮނިކާގެ ރޯލުން ގިނަ މީހުން ދަންނަ ކޯޓްނީ ކޮކްސްއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއްގެ ޝަރަފު ލިބިއްޖެ އެވެ.

އުމުރުން 58 އަހަރުގެ ކޯޓްނީއަށް ތަރި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދަރިފުޅު ކޯކޯ އާއި ލޯބިވެރިޔާ ޖޮނީ މެކްޑެއިޑްގެ އިތުރުން "ފްރެންޑްސް"ގެ ކޯސްޓާރުން ޖެނިފާ އެނިސްޓަން، ލީސާ ކުޑްރޯ އާއި އެކްޓްރެސް ލޯރާ ޑާން ބައިވެރިވި އެވެ.

ޖެނިފާ، ލީސާ އަދި ލޯރާގެ ޖަޒްބާތާއި ތައުރީފުން ފުރިގެންވާ ސްޕީޗްގައި މައިގަނޑު ގޮތެއްގައި ފާހަގަކުރީ ކޯޓްނީގެ ހިތްތިރިކަމާއި ހެއްވާކަމާއި އެންމެންނާ މެދު ބާއްވާ ގާތްގުޅުމާއި ކޯޓްނީ އަކީ ހަގީގަތުގައިވެސް ވަރަށް ރަނގަޅު ރަހްމަތްތެރިއެއް ކަމަށެވެ.

ކޯޓްނީއަކީ އާއިލީ ގުޅުމެއް ނެތަސް ދައްތައެއް ކަމަށް އެ މީހުން ބުނެ އެވެ. އެ ވާހަކަތައް އަޑުއެހުމަށްފަހު ކޯޓްނީ އެ ތިން ތަރިންނަށް ފަށްފަށުން ޝުކުރު އަދާކޮށް، އޭނާގެ ފެމިލީ އަދި ސިސްޓާސް ކަމުގައިވާ ޖެނިފާ، ލީސާ އަދި ލޯރާ ޕްރައިވެޓްކޮށް ކޯޓްނީގެ ކަންކަމުގައި އެއްބާރުލުންދޭ ފަދައިން، ޕަބްލިކްގައި އޮންނަ ކަންކަމުގައިވެސް އެއްބާރުލުންދޭތީ އެކަން ފާހަގަކުރި އެވެ. އަދި ކޯޓްނީގެ ހަޔާތުގައި ގިނަ ދުވަސްވަންދެން އެއްބާރުލުމާއި އެހީތެރިކަން ދީފައިވާ މީހުންތަކުގެ ނަންތައް ފާހަގަކުރި އެވެ.

ކޯޓްނީގެ ވާހަކައިގައި އޭނާ ހޮލީވުޑްގައި ކުރިއަރަން މަސައްކަތްކުރި ދުވަސްތައް ހަނދާންކޮށް ބުނީ އެކްޓިން ރޯލް ނުލިބި ގޮސް އަތުގައި ހުރި ފައިސާ ހުސްވާން ގާތްގަނޑަކަށް ދެ ހަފްތާ އޮތްއިރުވެސް ހޮލީވުޑްގައި ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ދޫކޮށްނުލާ ކަމަށެވެ.

ޓީވީ ފިލްމްތަކާއި ސީރީޒްތަކުން ކުދި ރޯލު ލިބެމުންގޮސް ކޯޓްނީއަށް ޖިމް ކެރީއާ އެކު "އޭސް ވެންޓޫރާ: ޕެޓް ޑިޓެކްޓިވް" ކުޅުމުގެ ފުރުސަތު ލިބުނެވެ. އަދި އޭގެ މަދު ދުވަސްކޮޅެއް ފަހުން "ފްރެންޑްސް" ސީރީޒް އިން ކޯޓްނީ އަށް މޮނިކާގެ ރޯލު ލިބި، ކާމިޔާބީ ލިބެން ފެށި އެވެ.

ކޯޓްނީ ވަނީ "ސްކްރީމް" ފިލްމް ފްރެންޗައިޒްގެ ހުރިހާ ފިލްމެއްގައި މައި ރޯލެއް އަދާކޮށްފަ އެވެ. މީގެ އިތުރުން އެކި ފިލްމާއި ސީރީޒް ކުޅެމުން ގޮސް، ދެން އެންމެ ކާމިޔާބު ޕްރޮޖެކްޓަކަށްވީ "ކޫގާ ޓައުން" އެވެ.

މި ޝޯ ވަނީ ހަ ސީޒަނަށް ކުރިއަށް ގޮސްފަ އެވެ. މިހާރު ކޯޓްނީ އަކީ އެކްޓްރެސް، ޕްރޮޑިއުސަރު، ޑައިރެކްޓަރު އަދި ވިޔަފާރިވެރިއެކެވެ. "ސްކްރީމް"ގެ އެންމެ ފަހު ފިލްމު ނެރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކޯޓްނީ "ޝައިނިން ވޭލް" ފަދަ އިތުރު ޕްރޮޖެކްޓްތަކުގައިވެސް މަސައްކަތް ކުރަމުންދެ އެވެ.