ދުނިޔެ

ރަޝިއާގައި އުފައްދާ ހެލިކޮޕްޓަރުތައް ގަތުމުގެ ވިސްނުން އެބަ އޮތް: އީރާން

އީރާނާއި ރަޝިއާއާ ދެމެދުގައި އޮތް އަސްކަރީ ގުޅުން ވަރުގަދަކުރަނީ އެވެ. އީރާންގެ އޮފިޝަލުން ބުނާ ގޮތުން ރަޝިއާގައި އުފައްދާ ވައިގެ ދިފާއީ ނިޒާމްތަކާއި މިސައިލާއި ފައިޓަރު ޖެޓްތައް އަދި އެންމެ ޒަމާނީ ހެލިކޮޕްޓަރުތައް ވެސް ތެހެރާނުން ގަންނާނެ އެވެ.

މި ދުވަސްވަރާ ދިމާކޮށް -- ހާއްސަކޮށް ޔުކްރޭން ހަނގުރާމަ ހިނގަމުން ދަނިކޮށް -- ރަޝިއާ އާއި އީރާން އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުން ބަޔަކަށް މައްސަލައަކަށް ވެދާނެ އެވެ.

އެހެން ނަމަވެސް، އީރާން އަކީ ސޯވިއެޓް ޒަމާނުއްސުރެ، ރަޝިއާގެ ހަތިޔާރާއި ހެލިކޮޕްޓަރު ބަރޯސާކުރި ގައުމެކެވެ.

އީރާނަށް އަސްކަރީ ގާބިލުކަން ލިބުމުގައި ރަޝިއާގެ ހިއްސާ ބޮޑެވެ. އަސްކަރީ އާލާތްތައް އަމިއްލައަށް އުފެއްދުމުގައި ތެހެރާނަށް ފަންނީ އެހީތެރިކަން މޮސްކޯއިން ވަނީ ފޯރުކޮށްދީފަ އެވެ.

ރަޝިއާގައި އުފައްދާ ބައެއް މޮޑެލްތަކުގެ ހެލިކޮޕްޓަރުތަކަށް އީރާން ޝައުގުވެރިވާ ސަބަބު ކަމަށް ވަނީ ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް މާބޮޑު ހޭދައެއް ކުރަން ނުޖެހުން ކަމަށް އޮފިޝަލުން ބުނެ އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ބައެއް މަރުކާގެ ހެލިކޮޕްޓަރުތަކުގައި ހުރި ގާބިލްކަމުގެ ތެރޭގައި އާދަޔާ ހިލާފަށް ތިރިން ދަތުރުކުރުން ހިމެނެ އެވެ. މިއީ އޮފިޝަލް ވިދާޅުވި ގޮތުގައި ހުޅަނގުގެ ތެޔޮ ސްމަގްލްކުރާ ޓޭންކަރުތައް އަތުލައިގަތުމަށް ވަރަށް އެކަށީގެންވާ އުޅަނދެކެވެ.

ތެހެރާނުން މި ދުވަސްވަރު ރަޝިއާއަށް ތާއީދުކޮށް ވަރަށް ގިނައިން ވާހަކަދައްކަ އެވެ. ރަޝިއާއިން ހެލިކޮޕްޓަރު ގަތުމުގައި އޮތީ ކިހާ ޔަގީންކަމެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ޖަވާބުދިނުމުގެ ކުރިން ވެސް އޮފިޝަލް ކުރީ ރަޝިއާއަށް ތައުރީފެވެ.

ހެލިކޮޕްޓަރު ޓެކްނޮލޮޖީގައި ހުޅަނގަށް ރަޝިއާ ވައްޓައި ނުލެވޭނެ ކަމަށް އީރާން ދެކެ އެވެ. އެމެރިކާއިން ހެލިކޮޕްޓަރު އުފައްދަނީ ރަޝިއާ ހެލިކޮޕްޓަރުތައް ކޮޕީކޮށްގެން ކަމަށް ވެސް އީރާން ގަބޫލުކުރެ އެވެ.

ޒަމާނީ ފައިޓަރު ޖެޓާއި ހަނގުރާމަމަތީ ހެލިކޮޕްޓަރު އުފެއްދުމުގައި ދެ ގައުމު ގުޅިގެން އުފައްދާ ގޮތަށް މަޝްވަރާ ކުރަމުންދާ ކަމަަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.