ދުނިޔެ

ގުރީކުގައި ދެ ރޭލު މުޑިއަރައި 26 މަރު، 86 ޒަހަމް

ގުރީކުގެ އުތުރު އަވަށެއްގައި އަންގާރަ ދުވަހުގެ ރޭ ދެ ރޭލު މުޑިއަަރައި ހިނގި އެކްސިޑެންޓެއްގައި 26 މީހަކު މަރުވެ، 86 މީހަކަށް އަނިޔާވެއްޖެ އެވެ.

ގުރީކުގެ ފަޔާ އޮފިޝަލުން ބުނާ ގޮތުން ދެ ރޭލު ޖެހުނުލެއް ބާރުކަމުން ކެބިނެޓްތައް ފަޅައިގެން ގޮސް ވަނީ އަލިފާން ރޯވެފަ އެވެ.

ގުރީކުގައި ހިނގި މި އެކްސިޑެންޓްގައި އެއްކޮޅުން ދަތުރުކުރީ 350 އަށް ވުރެ ގިނަ ފަސިންޖަރުން ގޮވައިގެން ދަތުރުކުރި، ދަތުރުވެރިން އުފުލާ ރޭލެކެވެ. އަނެއް ރޭލަކީ މުދާއުފުލާ ރޭލެކެވެ.

އޮފިޝަލުން ބުނާ ގޮތުން މިއީ ގުރީކުގައި ފާއިތުވި 50 އަހަރު ތެރޭގައި ވެސް ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓެވެ.

ގުރީކުގައި 1968 ގައި ހިނގި ރޭލު އެކްސިޑެންޓެއްަގއައި 34 މީހަކު މަރުވެ 120 މީހުންނަށް ވަރަށް ބޮޑެތި އަނިޔާ ވަނީ ލިބިފަ އެވެ.

މި ހާދިސާއާ ގުޅިގެން ގުރީކު ފަޔާފައިޓަރުން ވަނީ އިމަޖެންސީ ހާލަތަށް އައިސްފަ އެވެ. ސަރަހައްދީ ވަސީލަތްތަކުން ނުފުދިދާނެ ކަމަށް ބަލައި މައި ސަރުކާރުގެ އެހީ އާއެކު ފަޔާފައިޓަރުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. މީހުން ހޮސްޕިޓަލަށް ގެންދިއުމަށް 40 އެމްބިއުލާންސާއި ފުލުހުންގެ ޕެޓްރޯލް ކާރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުރީކުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުން ދެ ރޭލު މުޑިއެރި ސަބަބަކީ ރޭލުތައް ކުރިން ދަތުރުކުރަން އޮތް ތާވަލަށް ބަދަލުތަކެއް ގެނައުމެވެ. އަދި ރޭލު ދަތުރުތައް ފަސްކުރަން ޖެހުމުގެ ސަބަބުން އެ ބަދަލުތަކާ ބެހޭ ގޮތުން ރަނގަޅަށް މުއާމަލާތް ނުކުރެވުމެވެ.

ފުލުހުން ބުނާ ގޮތުން ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެހެން ނަމަވެސް ޗިސްވެފައި ހުރި ރޭލުގައި ބައިތައް އަދިވެސް ނަގާ ނުނިމެ އެވެ.

މީހުން ސަލާމަތްކުރުމުގައި އުޅޭ އޮފިޝަލުން ބުނާ ގޮތުން މަރުވި މީހުންގެ އަދަދު ފައިނަލް ކުރެވޭނީ ރޭލު ދަގަނޑުތައް މުޅިން ސާފުކޮށް ނިމުމުންނެވެ. އެކްސިޑެންޓް ހިނގި ސަރަހައްދު މިހާރު އޮތް ގޮތުން އެއިން ތަނެއްގައި އިތުރު މީހަކު ނެތް ކަމަށް އަދި ނުނިންމާ ކަމަށް އޮފިޝަލުން ބުނެ އެވެ.