މޯލްޑިވްސް ޕޮލިސް ސާވިސް

ކެފޭއަށް ގެއްލުން ދިން މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފި

Mar 1, 2023
1

ހުޅުމާލޭގައި ހިންގާ "ޖޫސް ޓައިމް" ކެފޭއަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތުގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ކެފޭއަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ވަނީ ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފަ އެވެ.

މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައްސަލައިގައި ހައްޔަރުކުރި ހަތް މީހުންނަކީވެސް ދިވެހިންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެ އެވެ.

"ޖޫސް ޓައިމް" ކެފޭއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދިނީ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.

ކެފޭއަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.

ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން އަދި ހެލްޓުމެޓް ވެސް އަޅައިގެން ތިބި ދެ މީހުން ސައިކަލެއްގައި ކެފޭ ކައިރިއަށް އައިސް ސައިކަލް ޕާކް ކުރުމަށްފަހު ކެފޭއަށް ވަންނަ ގޮތަށް ވަކި ތަނެއް ބެލުމެއް ނެތި ކޯރާޑިއެއް ފާޑު އެއްޗަކުން މުޅި ތަން ތަޅައި ސުންނާފަތިކޮށްލާ ތަނެވެ.

ދެ ފިރިހެނުން ކަމަށް ބެލެވޭ ދެ މީހުން ތަނަށް ވަނުމާ އެކު ކައުންޓަރުގައި ހުންނަ މީހާ އެތަނުގެ އެހެން ދޮރަކުން އެތެރެއަށް ވަނުމަށްފަހު އެތަނުން ނިކުމެގެންދާ ތަން ފެނެ އެވެ. އޭރުވެސް އެތެރޭގައި ތިބި ދެ މީހުން ދިޔައީ ތަނުގައި ހުރިއްޔާ ހުރި އެއްޗެއް ތަޅައި ސުންނާފަތި ކުރަމުންނެވެ.

މި ދެ މީހުން އެތަނުގައި މިނެޓެއްހާ އިރު އުޅެފައި ނިކުމެގެން ދިޔައީ ވެސް ކައުންޓަރުގައި ހުރި އެއްޗެއް ނަގައިގެންނެވެ. މި ދެ މީހުން ކުރާނެހާ ކަމެއް ކޮށްފައި ދިއުމުން އެތަނުގައި ތިބި އާންމުންވެސް ކެފޭއަށް ވަންނަ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.