އެސްޓީއޯ

އެސްޓީއޯ އިން ފިޔާ، އަލުވި ވިއްކާ އަގު ރޯދައަށް ހެޔޮކުރަނީ

Mar 1, 2023

ރޯދަ މަހަށް ފިޔާ، ބިސް، އަލުވި ރާއްޖެ ގެނެސް މިދިޔަ އަހަރުގެ ރަމަޟާން މަހަށް ވުރެ ހެޔޮ އަގުގައި މި ބާވަތްތައް ވިއްކަން އެސްޓީއޯ އިން ނިންމައިފި އެވެ.

ރޯދައަށް ހާއްސަކޮށްގެން މިބާވަތްތަކުގެ ޖުމްލަ ހަ ޝިޕްމަންޓެއް ރާއްޖެ ގެނައުމަށް އެސްޓީއޯ އިން ވަނީ ނިންމާފަ އެވެ. މީގެތެރެއިން ފުރަތަމަ ޝިޕްމަންޓް މިދިޔަ ހޯމަ ދުވަހު ރާއްޖެ ގެނެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން މިހާރު ދަނީ ފިޔާ، ބިސް އަދި އަލުވި ވިއްކަމުންނެވެ.

ހޯލްސޭލްކޮށް މިބާވަތްތައް ވިއްކަމުންދާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރު، އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖު އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓުންނެވެ. އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުން ތަކެތި ދޫކުރަން ހަމަޖެހިފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު އެެވެ. އަދި ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓްގެ ހިދުމަތް ފެށުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ފިޔާ، ބިސް، އަލުވި ވިއްކަން ހަމަޖެހިފައިވާ އަގުތައް

އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވާ އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވުމަށްވެސް ވަނީ ނިންމާފަ އެވެ.

އެސްޓީއޯ އިން ބުނީ ރޯދަމަހަށް ހާއްސަކޮށްގެން ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ ކަމަށާއި އަދި ރާއްޖޭގައި އުފައްދާ ބައެއް ތަކެތިވެސް އެސްޓީއޯ އިން ލިބޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށެވެ. އެގޮތުން މެލަން، ދޮންކެޔޮ، ފަޅޯ، ކަރާ، ކިއުކަންބާ އަދި މިރުސް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި ރޯދަ މާޓް އަދި ވިލިމާލެ ފިހާރައިން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މާކެޓްގައި ޒަރޫރީ ބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އެ އަގު ތިރިކޮށް އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯ އިން މަސައްކަތް ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.