ފިނިޕޭޖް

"މޭފެއާ ވިޗަސް" ދެވަނަ ސީޒަނަށް ރިނިއުކޮށްފި

އޭއެމްސީ އިން އޭން ރައިސްގެ "މޭފެއާ ވިޗަސް" ދެވަނަ ސީޒަނަށް ރިނިއުކޮށްފި އެވެ.

"މޭފެއާ ވިޗަސް" ރިލީޒްކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އަދި މި ސީރީޒް ރިނިއުކޮށްފައި މިވަނީ އޭމްސީ އިން އެކި ސީރީޒްތައް ކެންސަލް ކުރަމުންދާ ދުވަސްވަރެއްގަ އެވެ. "މޭފެއާ ވިޗަސް" ވަނީ އެ ނެޓްވޯކްގެ އެންމެ ކާމިޔާބު އާ ސީރީޒްއަށް ވެފަ އެވެ.

"މޭފެއާ ވިޗަސް" އާއެކު އޭން ރައިސްގެ އެކްސްޓެންޑަޑް ޔުނިވާސްގެ ތެރެއިން "އިންޓަވިއު ވިތް އަ ވެމްޕަޔާ" ސީރީޒްވެސް ވަނީ ދެވަނަ ސީޒަނަށް ރިނިއުކޮށްފަ އެވެ.

މި ސީރީޒްއަކީ އޭން ރައިސްގެ "ދަ ލައިވްސް އޮފް ދަ މޭފެއާ ވިޗަސް" އަށް ބިނާ ކުރާ ސީރީޒެކެވެ. މި ސީރީޒްގެ މައިގަނޑު ޕްލޮޓަކީ ނިއުރީ ސާޖަން ޑރ ރޯވަން ފީލްޑިންއަށް އޭނާ އަކީ ވަރަށް ބާރުގަދަ ވިޗުންގެ ދަރިފަސްކޮޅެއްގެ ވާރުތަވެރިއެއްކަން ދެނެގަނެ، އޭނާ އެކަމާ ކުރިމަތިލާ ތަނެވެ. މި ދަރިފަސްކޮޅަކީ ގޯސް ރޫހެއް އަވަލާފައިވާ ދަރިފަސްކޮޅެކެވެ.

"މޭފެއާ ވިޗަސް"ގެ ލީޑް ޑރ. ރޯވަން ފީލްޑިންގެ ރޯލް އަދާކުރަނީ 36 އަހަރުގެ އެލެކްޒެންޑްރިއާ ޑަޑާރިއޯ އެވެ. އެލެކްޒެންޑްރިއާ އަކީ "ވައިޓް ލޮޓަސް" ފަދަ ކާމިޔާބު ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. މީގެ އިތުރުން ހެރީ ހެމްލިން، އޭރިކާ ގިމްޕެލް، ޓޮންގަޔި ޗިރީސާ، އެނެބެތް ގިޝް އާއި ޖެކް ހިއުސްޓަން ވެސް މި ސީރީޒްގައި ހިމެނެ އެވެ.

އަށް ޕާޓްގެ މި ސީރީޒް ޑައިރެކްޓް ކުރަނީ މައިކަލް އަޕެންޑާލް އާއި އެކްސެލް ކެރޮލައިން އެވެ. ދެވަނަ ސީޒަންގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު ނިއު އޯލިއަންސްގައި ފެށޭނެ އެވެ.