ޔުނިވަސިޓީތަކުގެ މުވައްޒަފުންގެ މުސާރަތަކަށް އަންނަ ބަދަލު ކުރިއަށް ދެތިން ދުވަސް ތެރޭގައި އިއުލާންކުރުމަށް ތައްޔާރުވެއްޖެ އެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ޔުނިވަސިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއުލާންކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހިނގާ މާޗް މަހުގެ ތެރޭގައި ޔުނިވަސިޓީ ތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުވާނެ އެވެ. އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިއަހަރުގެ މެއި މަހުގެ ތެރޭގައި ބޮޑުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ ވައުދާ އެއްގޮތަށް ޔުނިވަސިޓީތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އެކަމާ ގުޅޭ ތަފްސީލްތައް ހިއްސާކުރާނެ ކަމަށެވެ.
މިސަރުކާރުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފަ އެވެ.