ޓޫރިޒަމް

ފުރަތަމަ ދެ މަހުން 350،000 ފަތުރުވެރިން ރާއްޖެއަށް

ރާއްޖެއަށް މިއަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި 351،432 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހު 172،499 ފަތުރުވެރިން އަދި ފެބްރުއަރީ މަހު 178،933 ފަތުރުވެރިންނާއެކު ޖުމްލަ 351،432 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 280،776 ފަތުރުވެރިންނެވެ. އެއާއެކު ފުރަތަމަ ދެ މަހުން ފަތުރުވެރިކަން ވަނީ 25.2 ޕަސަންޓް ކުރި އަރާފަ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 44،748 ފަތުރުވެރިން
  • އިންޑިއާ - 38،109 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 32،566 ފަތުރުވެރިން
  • އިޓަލީ - 32،395 ފަތުރުވެރިން
  • ޖަރުމަނު - 22،995 ފަތުރުވެރިން
  • ފްރާންސް - 16،483 ފަތުރުވެރިން
  • އެމެރިކާ - 14،082 ފަތުރުވެރިން
  • ޗައިނާ - 10،071 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 8،590 ފަތުރުވެރިން
  • ޕޮލޭންޑް - 6،672 ފަތުރުވެރިން

ކޮވިޑް-19އާ ގުޅިގެން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުތައް ފެށީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ. ޗައިނާއަކީ ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި އޮތް ގައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ 11 ވަނަ ދުވަހު އެވެ. އެ ދުވަހު 8،028 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ފަތުރުވެރިކަމަށް މިހާރު 168 ރިސޯޓާއި 886 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީގެ އިތުރުން 13 ހޮޓާ ދަނީ ހިންގަމުންނެވެ.