ހަބަރު

ދަރިވަރުންނަށް އަނިޔާކޮށްގެން ހައްޔަރުކުރި ބިދޭސީ ޓީޗަރެއް ބިލަބޮންގްގައި އުޅެނިކޮށް ފަޅާއަރައިފި

އެމެރިކާގެ އެލެމެންޓްރީ ސްކޫލެއްގައި ދަރިވަރުންނަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޓީޗަރެއް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި އުޅެނިކޮށް އެކަން ފަޅާއެރުމުން އޭނާ ރާއްޖެ ދޫކޮށް ހިނގައްޖެ އެވެ.

ލޯރާ ހެެލަން މެކޯން ނަަމަކަށް ކިޔާ މި ޓީޗަރަކީ 1 ޑީގެ ކްލާސް ޓީޗަރެވެ. މީނާ އަކީ 2014 ވަނަ އަހަރުގެ މާޗް މަހު އެމެރިކާގެ ސައުތު ޖެކްސަން އެލެމެންްޓްރީ ސްކޫލްގައި ދެ ދަރިވަރަކަށް އަނިޔާކުރި ކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ. މި ޓީޗަރު ބިލަބޮންގްގައި އުޅުނު އިރު އާންމު ނަމެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ހެލަން އެވެ.

މި ޓީޗަރުގެ މައްސަލާގައި މިދިޔަ ބުދަ ދުވަހު ބޭއްވި ބެލެނިވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި މީހަކު ބުނީ އެމެރިކާއަށް ދާން 'ހެލަން' 10 ދުވަހުގެ އިމަޖެންސީ ޗުއްޓީއެއް ބޭނުންވެގެން ހުށަހެޅުމުން "10 ދުވަސް ތެރޭ އެމެރިކާ އަށް ގޮސް ނާދެވޭނެތީ ފޮނުވާލީ އެއްބަސްވުން ބާތިލްކޮށްފައި" ކަމަށް ޕްރިންސިޕަލް ވިދާޅުވި ކަމަށެވެ.

"ޕްރިންސިޕަލް ބުނަނީ ޓީޗަރުން ގެންނަނީ ސްކްރީންކޮށް ބަލައިގެން ކަމަށް. މި ޓީޗަރުގެ ޕޮލިސް ރިޕޯޓް ވެސް ހުށަހެޅިއޭ ބުނީ. އޭގައި މައްސަލައެއް އޮތް ކަމަކަށް ޕްރިންސިޕަލް އެއްބަހެއް ނުވޭ. އަސްލު އޭނާ ފޮނުވާލީ މިކަން ފަޅާ އެރީމަ،" ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިޔަކު ބުންޏެވެ.

އޭނާ ބުނީ ޓީޗަރު އިމަޖެންސީ ޗުއްޓީ އަށް އެދުނީ ދަރިވަރުންނަށް އަނިޔާކޮށްގެން ހައްޔަރުކުރި ކަމަށް ބުނެ އެމެރިކާގެ ނޫހެއްގައި ޓީޗަރާ ބެހޭ ގޮތުން އޮތް ލިޔުމާ ބެހޭ ގޮތުން ސުވާލުކުރި ފަހުން ކަމަށެވެ. އަދި އެ ވާހަކަ ބެލެނިވެރިންގެ ވައިބަ ގްރޫޕެއްގެ ތެރޭގައި ވަރަށް ބޮޑަށް ދެކެވި އޭރު އޮތީ މައްސަލަ ހޫނުވެފައި ކަމަށް ވެސް ބުންޏެވެ.

ބިލަބޮންގް ސްކޫލްގެ އެގްޒެކެޓިވް ޑިރެކްޓާ އަދުލީ ރަޝީދު ވިދާޅުވީ ލޯރާ އެ ސްކޫލުން ވަޒީފާ ދިނީ އޭނާގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމާފައިވާކަމުގެ ލިޔުންތައް ހުށަހެޅުމުން ކަމަށެވެ. އަދި އާންމު އުސޫލުން އެ ސްކޫލުން ޓީޗަރުން ގެނައުމުގެ އަމަލުކުރާ އުސޫލަކީ ވެސް އެއީ ކަމަށް އަދުލީ ވިދާޅުވި އެވެ.

އަދުލީ އިތުރަށް ވިދާޅުވީ އެ މައްސަލަ ދިމާވުމުން އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އަންގައި، އެ މިނިސްޓްރީގެ އިސްވެރިންނާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ލޯރާ ފުރައިގެން ދިޔައީ އޭނާއަށާއި ސްކޫލަށް ވެސް އެ ގޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް އޭނާ އަށް ފެންނާތީ އޭނާގެ އެދުމުގެ މަތިން ކަމަށް ވެސް އަދުލީ ވިދާޅުވި އެވެ.

"އެ މައްސަލައަކީ އެމެރިކާގައި ޓީޗަރަކަށް އުޅުނުއިރު ޕޭރެންޓަކު އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ކަމަށް ވަނީ. ނަމަވެސް އެ މައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން އޮތީ ނިންމައި، އޭނާ ކްލިއާ ކޮށްފައި،" އަދުލީ ވިދާޅުވި އެވެ.

އެމެރިކާގެ ނޫހެއްގައި ބުނެފައިވާ ގޮތުގައި ލޯރާ އަކީ ހަ އަހަރުގެ ކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ ބެލެނިވެރިން ހުށަހެޅި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެގޮތުން ޓީޗަރު ބުނި ކަމެއް ނުކޮށްގެން ހަ އަހަރުގެ ދަރިވަރެއްގެ އަތުގައި ހިފައި ދަމާފައި ގެންދިއުމުގެ ސަބަބުން އަތް މަށައިގެން ގޮސް ހަލާކުވެފައިވާ ކަމަށް އެ ކުއްޖާގެ ބެލެނިވެރިންނާ ހަވާލާދީ ބުނެފައިވެ އެވެ. މި ޓީޗަރުގެ ފަރާތުން ފަސް އަހަރުގެ ކުއްޖަކަށް ވެސް ހަމަ މިފަދަ ކަމަކާ ދިމާވި ކަމަށް ބުނެފައިވެ އެވެ.

މި ޓީޗަރު އެމެރިކާގައި ހައްޔަރުކުރި މައްސަލާގައި އެ ޓީޗަރާ އެއްކޮޅަށް ވެސް އެމެރިކާގައި ބެލެނިވެރިން ވާހަކަ ދައްކާފައިވެ އެވެ. އެއީ ހިތްހެޔޮ ޓީޗަރެއް ކަމަށާއި މިހާރު ދަރިވަރަކު ކޮންމެ ފަދަ ގޮތަކަށް އުޅުނަސް ދަރިވަރަކާ މެދު ޓީޗަރަށް ފިޔަވަޅެއް އެޅެން ނޯންނަ ކަމަށް ބުނެ، ޓީޗަރަށް ތާއީދުކޮށް ހަދާފައިވާ ފޭސްބުކް ޕޭޖެއްގައި ލިޔެފައިވެ އެވެ.