ފިނިޕޭޖް

ޑިޒްނީގެ އާ ޕީޓާ ޕޭން ފިލްމްގެ ޓްރޭލާ ނެރެފި

ޑިޒްނީއިން 1953 ގައި ރިލީޒްކުރި އެނިމޭޓަޑް ފިލްމް "ޕީޓާ ޕޭން"ގެ ލައިވް އެކްޝަން ރީމޭކް "ޕީޓާ ޕޭން އެންޑް ވެންޑީ"ގެ ޓްރޭލާ ނެރެފި އެވެ.

ޖޭއެމް ބެރީގެ ވާހަކައަށް ހަދާފައިވާ އެނިމޭޓެޑް ފިލްމްގެ މި ލައިވް އެކްޝަން ފިލްމް ޑައިރެކްޓް ކޮށްފައިވަނީ "ދަ ގްރީން ނައިޓް" އާއި "ޕީޓްސް ޑްރޭގަން" ޑައިރެކްޓްކުރި ޑޭވިޑް ލޯވަރީ އެވެ. މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައިވަނީ ޑޭވިޑް އާއި ޓޯބީ ހޯލްބްރޫކްސް އެވެ.

މިފިލްމްގައި ޕީޓާ އާއި ވެންޑީގެ ރޯލު އަދާކޮށްފައިވަނީ އެލެކްޒެންޑާ މޮލޯނީ އާއި އެވާ އެންޑާސަން އެވެ. އަދި ޓިންކަބެލްގެ ރޯލް ޔަރާ ޝަހީދީ އަދާކޮށްފައިވާއިރު، ކެޕްޓަން ހުކްގެ ރޯލް އަދާކޮށްފައިވަނީ ޖޫޑް ލޯ އެވެ.

މީގެ އިތުރުން އެލީސާ ވަޕަނަތާކް، ޖޯޝުއާ ޕިކެރިން، މޮލީ ޕާކާ، އެލަން ޓުޑިކް، ޖިމް ގެފިގަން އާއި ޖެކޯބީ ޖޫޕޭވެސް މި ފިލްމުގައި ހިމެނެ އެވެ.

މި ފިލްމުގައި ފެންނާނީ ވެންޑީ ޑާލިން އޭނާގެ ކުޑައިރުގެ ގެ ދޫކޮށްފައި ދާން ބިރުގަނެގެން އުޅެނިކޮށެވެ.

ބޮޑުބާން ބޭނުންނުވާ ޖާދުވީ ފިރިހެން ކުއްޖެއް ކަމުގައިވާ ޕީޓާ ޕޭންއާ ވެންޑީ ދިމާވެ، ފެއަރީ ޓިންކާ ބެލް އާއި ވެންޑީގެ ދެ ކޮއްކޮއާ އެކު ނެވާލޭންޑަށްދެ އެވެ. އަދި ނުލަފާ ޕައިރެޓެއް ކަމުގައިވާ ކެޕްޓަން ހުކްއާ ދިމާވެ، ނުރައްކާތެރި އަދި އެކްސައިޓްވާ ފަދަ އެޑްވެންޗާއެއް ފަށަ އެވެ.

"ޕީޓާ ޕޭން" ވާހަކައަށް ބިނާކޮށް ޓްރައިސްޓާ ޕިކްޗާސްއަށް 1991ގައި ސްޓީވަން ސްޕީލްބާގް "ހުކް"ގެ ނަމުގައި ފިލްމެއް ހެދި އެވެ. އަދި ޔުނިވާސަލް ޕިކްޗާސް އާއި ކޮލަމްބިއާ ޕިކްޗާސް އިން 2003 ގައި "ޕީޓާ ޕޭން" ފިލްމު ވާހަކަ އާއި ކާޓޫނާ ބޮޑަށް ގާތްކުރާ ގޮތަށް ވަނީ ނެރެފަ އެވެ.

"ޕީޓާ ޕޭން އެންޑް ވެންޑީ" ރިލީޒްކުރާނީ ކުރިއަށް އޮތް އޭޕްރީލް 28 ވަނަ ދުވަހު އެވެ.