ފިނިޕޭޖް

އާނޯލްޑްގެ ފުރަތަމަ ޓީވީ ސީރީޒް "ފޫބާ" މެއި މަހު

އުމުރުން 75 އަހަރުގެ އަހަރުގެ އާނޯލްޑް ޝްވަޒެނޭގާ ފުރަތަމަ ފަހަރަށް ސްކްރިޕްޓަޑް ޓީވީ ސީރީޒެއް ކުޅެނީ އެވެ. އަދި އެއީ ކޮމެޑީއެކެވެ.

އާނޯލްޑް ފެނިގެންދާނީ ނެޓްފްލިކްސްގެ އެކްޝަނުން ފުރިގެންވާ ސްޕައި – ކޮމެޑީ ޝޯ "ފޫބާ" އިންނެވެ. އަދި މި ސީރީޒްގެ ޓްރޭލާ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

މި ސީރީޒްގައި އާނޯލްޑް އަދާކުރަނީ ސީއައިއޭގެ އޮޕަރޭޓިވްއެއް ކަމުގައިވާ ލޫކްގެ ރޯލެވެ.

ލޫކްގެ ދަރިފުޅު އެމާ އަށް އެކަން ނާންގަންވެގެން ދޮގު ހަދަމުން، ކަންކަން ފޮރުވަމުންދާއިރު، ލޫކްގެ ޒިންމާތައް އަދާކުރުމަށް އެމާއަށް ނޭގި ހެއްވާ ގޮތްގޮތަށް ހުރަސްއެޅެއެވެ.

މި ސީރީޒްގައި އެމާގެ ރޯލް އަދާކުރަނީ މޮނިކާ ބާބަރޯ އެވެ. މީގެ އިތުރުން ޖޭ ބަރުޗެލް، އަޕަރްނާ ބްރީލް، އެންޑީ ބަކްލީ، ފޯޗިއުން ފެމްސްޓާ، މިލާން ކާޓާ، ގެބްރިއަލް ލޫނާ، ފެބިއާނާ އުޑޭނިއޮ އާއި ޓްރޭވިސް ވޭން ވިންކްލް ކާސްޓްގައި ހިމެނެ އެވެ.

ނިކް ސެންޓޯރާ އުފެއްދި "ފޫބާ"ގައި ހިމެނެނީ އަށް އެޕިސޯޑެވެ. ނެޓްފްލިކްސްއިން "ފޫބާ" ރިލީޒްކުރާނީ މިއަހަރުގެ މެއި 25 ވަނަ ދުވަހު އެވެ.

ބޮޑީބިލްޑް ކުރުމުން ކެރިއާ ފެށި އެކްޓަރު/ޕްރޮޑިއުސަރު/ވިޔަފާރިވެރިޔާ އާނޯލްޑަކީ "ކޮމާންޑޯ"، "ކޮނަން ދަ ބާބޭރިއަން"، "ޓާމިނޭޓާ"، "ޕްރިޑޭޓާ"، "ޓޯޓަލް ރީކޯލް"، "އެންޑް އޮފް ޑޭޒް"، "ދި އެކްސްޕެންޑިބަލްސް" ފަދަ އެކްޝަން ފިލްމް ކުޅެފައިވާ އެކްޓަރެކެވެ. އަދި "ޓްރޫ ލައިޒް"، "ކިންޑަގާޓަން ކޮޕް"، "ޓްވިންސް"، "ޖޫނިއާ"، "ޖިންގަލް އޯލް ދަ ވޭ"، "ލާސްޓް އެކްޝަން ހީރޯ" ފަދަ ކާމިޔާބު ކޮމެޑީތައްވެސް އާނޯލްޑް ކުޅެފައިވެ އެވެ. މީގެއިތުރުން އާނޯލްޑް ވަނީ ކެލިފޯނިއާ ސްޓޭޓްގެ ގަވަރުނަރުގެ މަގާމު އަދާކޮށްފަ އެވެ.