މިސް ޔުނިވާސް އާއި މިސް އިންޑިއާގެ ފަޚުރުވެރި ތާޖުތައް އަޅާފައިވާ ރީތީގެ ރާނީ އަދި ބޮލީވުޑް ބަތަލާ ސުޝްމިތާ ސެން އަށް ހާޓް އެޓޭކެއް ޖެހުނު ވާހަކަ ގިނަ ބަޔަކު އެހީ ހައިރާންކަމާ އެކުގަ އެވެ. މި ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވަނީ ޚުދް ސުޝްމިތާ އެވެ.
އުމުރުން 47 އަހަރުގެ ސުޝްމިތާ ބުނެފައިވާ ގޮތުގައި މީގެ ދެ ތިން ދުވަހެއް ކުރިން އޭނާއަށް ހާޓް އެޓޭކެއް ޖެހި މިހާރު އެންޖިއޮޕްލާސްޓީ ހަދާ އަދި ހިތަށް ސްޓަންޓެއް ލައްވާފައިވާ ކަމަށެވެ.
"ތިބާގެ ހިތް ސިއްހަތު ރަނގަޅުކޮށް ހިތްވަރުގަދަކޮށް ބާއްވާ. އޭރުން އެންމެ ބޭނުންޖެހޭ ވަގުތު އެ ހިތް ތިބާއާ އެކުގައި ވާނެ. މިއީ އަހަރެންގެ ބައްޕަ ބުނާ ވާހަކައެއް،" އޭނާގެ ބައްޕައާއެކު ނަގާފައިވާ ފޮޓޯއަކާއެކު ސުޝްމިތާ ޝެއާ ކުރި މެސެޖުގައި ބުނެފައި ވެއެވެ.
ސުޝްމިތާ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާއަށް ހާޓް އެޓޭކެއް ޖެހުނަސް މިހާރު އޭނާގެ ހާލު ރަނގަޅެވެ.
"ހިތުގެ ޚާއްސަ ޑޮކްޓަރު ބުނި އަހަރެންގެ އޮތީ ވަރަށް ބޮޑު ހިތެކޭ،" ސުޝްމިތާ ލިޔެފައި ވެއެވެ.
"މައި ހޫނ ނާ"ގެ ބަތަލާ ސުޝްމިތާ ވަނީ އޭނާއަށް އެ ބައެއްގެ ބޭނުން ޖެހުނު ވަގުތު އެހީތެރިވީ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
ސުޝްމިތާގެ މެސެޖަށް ވަރަށް ގިނަ ފަންނާނުން ކޮމެންޓުކޮށް މި ޚަބަރު އަހާފައި ބޮޑު ޝޮކެއް ލިބިއްޖެކަމަށް ބުނެފައި ވެއެވެ. އަދި އޭނާއަށް އަވަސް ޝިފާއަކަށް އެންމެން ވެސް އެދިފައި ވެއެވެ.
ސުޝްމިތާ އަކީ ކަސްރަތުކޮށް ވަރަށް ހެލިފެލިކޮށް އުޅޭ ބަތަލާ އެކެވެ. އޭނަ މި ވަގުތު ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ނުކުރިޔަސް ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ދެއްކި ސީރީޒް "އާރްޔާ"ގެ ދެ ސީޒަނެއްގައި ލީޑް ރޯލު ކުޅެފައި ވެއެވެ. އަދި މި ސީރީޒްގެ ތިންވަނަ ސީޒަންގެ ޝޫޓިންގް ވެސް މިހާރު އޭނާ ވަނީ ނިންމާފަ އެވެ.