ބޮލީވުޑް

ހާޓް އެޓޭކުން ސަލާމަތްވީ އެކްޓިވް ދިރިއުޅުމެއް އުޅޭތީ: ސުޝްމިތާ

ހާޓް އެޓޭކެއް ޖެހި އެންޖިއޮޕްލާސްޓީ ހަދައިގެން މިހާރު ސުޝްމިތާ ސެން ގެންދަނީ ގޭގައި އަރާމުކުރަމުންނެވެ. އަދި މި ވަގުތު ކަރުތެރެ ސަކަރާތްވެގެން ވާހަކަ ދައްކަން ވެސް ދަތިވެފައި ވިޔަސް އީޓައިމްސް އަށް ސުޝްމިތާ ވަނީ އިންޓަވިއު އެއް ދީފަ އެވެ.

ސުޝްމިތާ އޭނާގެ ފޭނުންނަށް އެންމެ ފުރަތަމަ ވެސް ދިނީ މެސެޖެކެވެ. ކޮންމެ ހާލެއްގައި ވެސް ޖިމް ކަޓުވާނުލުމަށެވެ.

"އަހަންނަށް އިނގޭ ތީގެ ތެރެއިން ވަރަށް ގިނަ މީހުން ބުނާނެކަން ޖިމް އަށް ގަވާއިދުން ދިޔަޔަސް ސުޝްމިތާ އަށް ވެސް ހާޓް އެޓޭކެއް ޖެހުނީ ނޫންހޭ. އެކަމަކުން އެހީތެރިކަމެއް ނުލިބުނެއް ނޫންހޭ. ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ނޫން. ޖިމްއަށް ގޮސް ކަސްރަތުކޮށް އެކްޓިވް ލައިފްސްޓައިލެއް އުޅުނުކަމުން އަހަންނަށް ވަރަށް ފައިދާ ކުރި. އަހަންނަށް ޖެހުނީ އާދައިގެ ކުޑަކުޑަ ހާޓް އެޓޭކެއް ނޫން. ވަރަށް ބޮޑު ހާޓް އެޓޭކެއް،" ސުޝްމިތާ ބުންޏެވެ.

ސުޝްމިތާ ބުނި ގޮތުގައި އޭނާގެ މައި އާޓްރީގެ 95 ޕަސެންޓް ހުރީ ބްލޮކްވެފަ އެވެ. އޭނާގެ ފުރާނަ ސަލާމަތްވީ އެކްޓިވްކޮށް އުޅެފައި ހުރީމަ އެވެ.

ސުޝްމިތާ ބުނި ގޮތުގައި މި ދިމާވި މައްސަލަ އާ ގުޅިގެން އޭނާ ބިރެއް ނުގަނެ އެވެ. އޭނާއަށް ކުރެވެނީ ދިރިއުޅުމަށް އިތުރު ފުރުސަތެއް ލިބުނުކަމުގެ އިހްސާސް އެވެ.

އޭނާއަށް ވުރެ މާ ޒުވާން މީހުންނަށް ހާޓް އެޓޭކް ޖެހި މަރުވަމުންދާކަން ސުޝްމިތާ ފާހަގަ ކުރި އެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ޑޮކްޓަރަށް ދައްކައި ހިތުގެ އެއްވެސް މައްސަލައެއް ހުރިތޯ ޗެކް ކުރަމުން ގެންދިއުމަށް ސުޝްމިތާ އެދުނެވެ.

"އަންހެނުން ގަބޫލުކޮށްގެން ނުވާނެ ޅަ އުމުރުގައި ހާޓް އެޓޭކް ޖެހެނީ ހަމައެކަނި ފިރިހެނުންނަށޭ އެއް. އަންހެނުންނަށް ވެސް މިހާރު ހާޓް އެޓޭކް ޖެހޭލެއް ވަރަށް ގިނަ،" ސުޝްމިތާ ބުންޏެވެ.

ސުޝްމިތާ އަށް ހާޓް އެޓޭކް ޖެހުނުއިރު އޭނާ އުޅުނީ އޭނާ ކުޅެމުންދާ ވެބް ސީރީޒް "އާރްޔާ"ގެ ޝޫޓީންގައެވެ. އޭނާ ބުނި ގޮތުގައި ޑޮކްޓަރު ހުއްދަދިންހާ އަވަހަކަށް އަލުން އޭނާ ޖައިޕޫރަށް ގޮސް އާރްޔާގެ ޝޫޓިންގް ނިންމާނެ އެވެ.