ބޮލީވުޑް

ސުޝްމިތާގެ މެޔަށް އުނދަގޫ ފެށީ ޝޫޓިންގްގައި އުޅެނިކޮށް

ބޮލީވުޑް ބަތަލާ އަދި ރީތީގެ ރާނީ ސުޝްމިތާ ސެން އަށް ހާޓް އެޓޭކެއް ޖެހުނު ވާހަކަ ގިނަ ބަޔަކަށް ވީ ވަރަށް ބޮޑު ޝޮކެއް ލިބުނު ޚަބަރަކަށެވެ.

އެޑޮޕްޓްކޮށްފައިވާ ދެ ދަރިންގެ މަންމަ ސުޝްމިތާ މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާއިރު، އެންޖިއޮޕްލާސްޓީ ހަދައި ސްޓަންޓް ލެއްވުމަށްފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައި ވެއެވެ.

ސުޝްމިތާ އަކީ އޭނާގެ ފިލްމީ ކެރިއަރާއި ޒާތީ ދިރިއުޅުމުގެ ވާހަކަތައް ވެސް އެއްވެސް ފޮރުވުމެއް ނެތި މީހުންނަށް ހާމަކުރާ ބަތަލާ އެކެވެ. އެގޮތުން އޭނާއަށް ދިމާވި ސިއްހީ މައްސަލައިގެ ވާހަކަތައް ވެސް ދުވަހުން ދުވަހަށް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެންމެންނަށް އޮޅުން ފިލުވައިދެމުންނެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސުޝްމިތާ ކިޔައިދިން ގޮތުގައި އޭނާގެ މެޔަށް އުނދަގޫތަކެއް ވާން ފެށީ ޝޫޓިންގްގައި އުޅެނިކޮށެވެ. އެވަގުތު އެތަނުގައި ޑޮކްޓަރަކު ހުރުމާއެކު އޭނާ ވަގުތުން ބަލާފައި އަވަހަށް ހޮސްޕިޓަލަށް ދާން އިރުޝާދު ދިން ކަމަށް ސުޝްމިތާ ބުންޏެވެ.

އަދި ހޮސްޕިޓަލަށް ދިއުމުން އޭނާއަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށާއި އަދި ވަގުތުން ދިން ފަރުވާ ތަކުން މިހާރު ވަރަށް ބޮޑަށް ލުއި ލިބިއްޖެކަމަށް އޭނާ ބުނެފައި ވެއެވެ.

ސުޝްމިތާ ބޮލީވުޑަށް ނުކުތީ 1996ގައި ރިލީޒްކުރި "ދަސްތަކް" އިންނެވެ. އޭގެ ފަހުން ވަރަށް ގިނަ ފިލްމުތަކުގައި ބައިވެރިވެފައި ވެއެވެ.