ކުޅިވަރު

ހާލުގައި އޮތް ބާސެލޯނާ އިން ރެއާލް މެޑްރިޑް ބަލިކޮށްފި

ސްޕެނިޝް ކޮޕަ ޑެލްރޭގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާ ވާދަކޮށް ބާސެލޯނާ 1-0 އިން މޮޅުވެއްޖެ އެވެ.

ރެއާލް އަތުން ލިބުނު މޮޅަކީ ބާސެލޯނާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ޔޫއެފާ ޔޫރޮޕާ ލީގުގައި މިދިޔަ ހަފްތާ މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް ދެ ލެގްގެ އެގްރިގޭޓުން ބަލިވެ ކެޓުމަށް ފަހު ލީގުގައި އެންމެ ފަހުން އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ވަނީ ބަލިވެފަ އެވެ. އަދި އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ނެތުމާ އެކު ރެއާލްގެ ދަނޑުގައި އެޓީމަށް މޮޅުވެވޭނެތޯ ސުވާލު އުފެދުނެވެ.

ރޭގެ މޮޅާ އެކު އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗު އެއްވަރުކޮށްލައިގެން ބާސެލޯނާ އަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ބާސެލޯނާ އިން ވަނީ ޖެނުއަރީ މަހު ސައުދީ އަރަބިއާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ރެއާލް ބަލިކޮށް ހޯދާފަ އެވެ.

ދެވަނަ ލެގުން ކުރި ހޯދައިފި ނަމަ ބާސެލޯނާ އަށް މި ސީޒަނުގައި ދެވަނަ މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު ފަހިވާނެ އެވެ. ސްޕެނިޝް ލީގުގައި ވެސް ބާސެލޯނާ މިވަގުތު އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑެއްގަ އެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލަކީ 26 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ އެޑާ މިލިޓާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ރެއާލް ދަނޑުގައި އެޓީމުން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނުއިރު ބާސެލޯނާ އިން ވަނީ ރޭވުންތެރިކަމާ އެކު ރެއާލް ހުއްޓުވުމުގައި ކުރި ހޯދާފަ އެވެ.

މެޗުގައި ގޯލު ޖަހާނެ ހުސް ގިނަ ފުރުސަތުތަކެއް ރެއާލަށް ތަނަވަހެއް ނުކުރެވުނެވެ. އެކަމަކު ދެވަނަ ހާފުގައި ފެޑެރިކޯ ވަލްވާޑޭ ފާތު ފައިން ފޮނުވާލި ހަމަލާ ބާސެލޯނާގެ ގޯލްކީޕަރު މަތަކުރި އެވެ.

ބާސެލޯނާ އަތުން ބަލިވުމާ އެކު މި ސީޒަނުގައި ވެސް ކޮޕަ ޑެލްރޭގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ރެއާލަށް ވަނީ ކުޑަވެފަ އެވެ. ރެއާލަށް މި މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރެވުނީ 2014 ވަނަ އަހަރު އެވެ. އެޓީމުން މި މުބާރާތް 19 ފަހަރު ކާމިޔާބުކޮށްފައިވާއިރު މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބީ 31 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބާސެލޯނާ އެވެ.

ކޮޕަ ޑެލްރޭގެ ފުރަތަމަ ސެމީގައި ވާދަކުރަނީ އޮސަސޫނާ އާއި އެތުލެޓިކް ބިލްބާއޯ އެވެ. ފުރަތަމަ ލެގްގައި އޮސަސޫނާ ވަނީ އަމިއްލަ ދަނޑުގައި 0-1 އިން ބިލްބާއޯ ބަލިކޮށްފަ އެވެ.

ކޮޕަ ޑެލްރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގްގެ މެޗުތައް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގަ އެވެ.