ރާއްޖެ ކުޅިވަރު

ހޭންޑް ބޯޅަ ޓީމަށް ބަންގާޅު ކޯޗެއް، ވާދަކުރާނީ ބަންގާޅާއި ޕާކިސްތާން

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ހޭންޑް ބޯޅަ ޓީމުގެ ކޯޗުކަން ކުރާނީ ބަންގާޅު ކޯޗެއް ކަމަށް ހަމަޖައްސައިފި އެވެ.

އަންނަ މަހު އިންޑިޔާގައި ފަށާ ގޭމްސްގައި އިރުޝާދުދޭނެ ކޯޗަކީ މުހައްމަދު އަމްޒަދު ހުސައިންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެ ނުކުންނައިރު ގޭމްސްގައި ރާއްޖެ އޮތީ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބަނގްލަދޭޝް އާއި ޕާކިސްތާނެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި ފެބްރުއަރީ 12 ވަނަ ދުވަހު ކުޅޭނީ ބަނގްލަދޭޝްއާ ދެކޮޅަށެވެ. ޕާކިސްތާނާ ދެކޮޅަށް ނުކުންނާނީ ޖެހިގެން އަންނަ ދުވަހު އެވެ. މުބާރާތުގެ ސެމީ އަށްދާނ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ގައުމީ ޓީމަށް ރޭ ވަނީ ޖާޒީ ހަވާލުކޮށްދީފަ އެވެ. ހޭންޑްބޯޅަ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ އައިޝަތު ރީމާ އެވެ. ވައިސް ކެޕްޓަނަކީ ނަޝްފާ އާމިރާ އެވެ.

ގައުމީ ހޭންޑްބޯޅަ ޓީމު ގޭމްސް އަށް ތައްޔާރުވަމުން އަންނަތާ ވަރަށް ދުވަސްވި ނަމަވެސް އެއީ ޔޫތު މިނިސްޓްރީން ސަރުކާރު ހަރަދުގައި ގޭމްސްއަށް ފޮނުވާނެ ކުޅިވަރުތައް ކަނޑައެޅިއިރު ބާކީކުރި ކުޅިވަރެކެވެ. ނަމަވެސް އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީގެ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ފަހުން އެނިންމުން ބަދަލުވީ އެވެ.