ލައިފްސްޓައިލް

ގެއިން ފިލީމަ އަނބިމީހާ ކިބައިން މޮޅު ގޮތަކަށް ބަދަލުހިފައިފި

ކައިވެނިކޮށްގެން އުޅޭ ދެ މީހުން އެކަކު އަނެކަކަށް ބޭވަފާތެރިވާ ވާހަކަތައް ވަރަށް ގިނައިން އަޑުއިވެ އެވެ. ބައެއް ފަހަރަށް ފިރިހެންމީހާ އެވެ. އަދި އަނެއް ބައިފަހަރަށް އަންހެންމީހާ އެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއީ ނުވާ ކަމަކަށް ހަދާލާފައި ބައިވެރިޔާއަށް މައާފުކޮށްފައި ދިރިއުޅުން ކުރިޔަށް ގެންދާނީ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެކި މީހުން ދޭނީ ތަފާތު ކޮށެވެ. ބައެއް މީހުން ބޭނުންވާނީ ބޭވަފާތެރިވީ މީހާގެ ކިބައިން ބަދަލުހިފާށެވެ. މިއީ ވެސް އެފަދަ ބަދަލުހިފުމުގެ ހަގީގީ ހާދިސާ އެކެވެ.

އިންޑިއާގެ ބިހާރުގެ ކަގާރިއާ ޑިސްޓްރިކްޓްގައި އޮންނަ ހަރްދިޔާ އަވަށުގައި ދިރިއުޅޭ ނީރަޖް އާއި އޭނާގެ އަންހެނުން ރޫބީ ދޭވީ ކައިވެނިކުރީ 2009 ވަނަ އަހަރު އެވެ. އަދި މި ދެމަފިރިންނަށް ހަތަރު ދަރިން ލިބިފައި ވެއެވެ.

މި ކައިވެންޏަށް 10 ވަރަކަށް އަހަރު ވީފަހުން އަންހެނުން ސިއްރު ލޯބިވެރިޔަކު ގެންގުޅޭކަން ނީރަޖް އަށް އެނގުނެވެ. އެއީ ޕަސްރާހާ އަވަށުގައި ދިރިއުޅޭ މުކޭޝް ނަމަކަށް ކިޔާ މީހެކެވެ.

ނީރަޖް އާ ކައިވެނި ކޮށްގެން އޭނާގެ އަވަށަށް ބަދަލުވުމުގެ ކުރިން ރޫބީ ވެސް ދިރިއުޅުނީ ޕަސްރާހާ އަވަށުގައެވެ. ނީރަޖް އާ ކައިވެނި ކުރުމުގެ މާ ކުރިއްސުރެ ރޫބީ އާއި މުކޭޝްގެ ލޯބީގެ ގުޅުމެއް އޮތް ކަމަށް މިހާރު ގިނަ ބަޔަކަށް ގަބޫލު ކުރެވެ އެވެ.

އިއްތިފާގުން މުކޭޝްގެ އަންހެނުންނަށް ވެސް ކިޔަނީ ރޫބީ އެވެ. އޭނާގެ ވެސް ދެ ދަރިން އެބަތިއްބެވެ. ނީރަޖްގެ އަންހެނުންނާއި މުކޭޝްގެ ލޯބީގެ ގުޅުން ފަޅާއެރުމާއެކު މި ދެ މީހުން ވަނީ ހަގަށް ތިބި ތިން ދަރިން ގޮވައިގެން ފިލައިގެން ގޮސް ފެބްރުއަރީ 2023ގައި ކައިވެނިކޮށްފަ އެވެ.

މިހާރު ނީރަޖް ވަނީ ފުލުހުންނަށް މިކަމުގެ ޝަކުވާ ހުށަހަޅާފައެވެ. ނީރަޖް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ މުކޭޝް އޭނާގެ އަންހެނުން ކިޑްނެޕްކޮށްގެން ފޮރުވައިގެން އުޅޭ ކަމަށެވެ. އަދި އަވަށުގެ އިސް މީހުން މިކަން ހައްލުކޮށްދޭން ނީރަޖް އެދުނެވެ. ނަމަވެސް މުކޭޝް އެއް މިގޮތެއް ބޭނުމެއް ނުވި އެވެ. އެހެންވެ ނީރަޖްގެ އަންހެނުންނާއި ތިން ދަރިން ގޮވައިގެން އޭނާ އުޅެނީ ފިލައިގެން އެތަން މިތަނުގަ އެވެ.

އެހެންވެ މި ދެ މީހުންގެ ކިބައިން ބަދަލުހިފަން ނީރަޖް ނިންމި އެވެ. އަދި މުކޭޝްގެ އަންހެނުންނަށް ގުޅައިގެން ވާހަކަ ދައްކާ އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ބާއްވަން ފެށި އެވެ. މުކޭޝްގެ އަންހެނުންނަކީ އަމްނީ އަވަށުގެ މީހެކެވެ. އޭނާއަށް ވެސް ކިޔަނީ ހަމަ ރޫބީ އެވެ.

މި ދެ މީހުން ވަނީ ފެބްރުއަރީ 18 ވަނަ ދުވަހު އެ އަވަށުގެ ފައްޅިއަކަށް ގޮސް ކައިވެނިކޮށްފަ އެވެ.

ރޫބީ އާއި މުކޭޝްގެ ކައިވެންޏާއި ދެ މީހުންގެ އާއިލާ އާއި ނީރަޖްގެ އާއިލާ ވެސް ދެކޮޅެވެ. ނަމަވެސް މި ދެ މީހުން ކަންތައް ކުރިގޮތުން ރުޅިއައިސްފައި ތިބި އެންމެން ވެސް ނީރަޖް އާއި އޭނާ ފަހުން ކައިވެނިކުރި ރޫބީގެ ގުޅުމާ ގަބޫލުވި އެވެ.