ދުނިޔެ

ރަޝިޔާ ފްލައިޓްގައި ބޮން ހަރުކުރީ އިޖިޕްޓްއެއާގެ މެކޭނިކެއް؟!

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރެޑް ސީގައި އޮންނަ ރިސޯޓު ރަށެއް ކަމަށްވާ ޝަރުމުއް ޝައިހުން ސެއިންޓް ޕީޓާސްބާގަށް ދަތުރުކުރަމުން ދަނިކޮށް މިސްރުގެ ސައިނާއަށް ވެއްޓުނު މަތިންދާބޯއްޓުގައި ބޮން ހަރުކުރި މައްސަލައިގެ ތުހުމަތު އިޖިޕްޓްއެއާގެ މެކެނޭކެއްގެ މައްޗަށް ކޮށްފި އެވެ.

އެހާދިސާގައި ބޯޓުން ދަތުރުކުރި 224 މީހުންވަނީ މަރުވެފަ އެވެ.

މެޓްރޯޖެޓް އޭ321 މަރުކާގެ މި ބޯޓުގައި ބޮން ހަރުކުރި ކަމުގެ ތުހުމަތު އިޖިޕްޓްއެއާގެ މެކޭނިކެއްގެ މައްޗަށް އެހާދިސާ ތަހުގީގް ކުރާ ފަރާތުން އުފުލި ނަމަވެސް މިޞްރުގެ އިންޓީރިއާ މިނިސްޓްރީންވަނީ އެކަން ދޮގުކޮށްފަ އެވެ. އެމިނިސްޓްރީން ބުނީ އެކުންފުނީގެ އިސް އޮފިޝަލަކުވެސް އަދި މުވައްޒަފެއްގެ މައްޗަށް އެފަދަ ތުހުމަތެއް ނުކުރާ ކަމަށާއި އެއްވެސް މުވައްޒަފަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ތަހުގީގް ކުރަމުންދާ ރަޝިޔާއިން އަދި ޔޫރަޕްގެ ގައުމުތަކުން ވަނީ ލިބިފައިވާ މައުލޫމާތުތަކަށް ބަލައި އިޖިޕްޓްއެއާގެ މުވައްޒަފަކާއި، މެޓްރޯޖެޓް އޭ321ގައި ބޮން ހަރުކުރަން އެހީވި ކަމަށް ތުހުމަތުކުރެވޭ އެއާޕޯޓުގެ ދެ ފުލުހުން ހައްޔަރުކޮށްފައި ކަމަށެވެ.

މި ބޯޓު ވައްތާޅުމުގެ ޒިންމާ އައިސިސް އިން ނަގާފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ އިޖިޕްޓްއެއާ މުވައްޒަފުގެ އާއިލާގެ މެމްބަރަކު އައިއެސްއާ ގުޅިފައިވާ ކަމަށް ބުނެފަ އެވެ. އަދި މީގެ އިތުރުން އައިސިސް އިން ވަނީ ބޯޓު ގޮއްވާލުމަށް ބޭނުން ކުރި ކަމަށް އެމީހުން ބުނާ އާލާތްތަކެއްެ ފޮޓޯތަކެއް އެމީހުންގެ ވެބްސައިޓުގައި އާއްމުކޮށްފަ އެވެ.

މިހާދިސާ ތަހުގީގްކޮށް ނިމޭއިރު މި ވެއްޓުނީ ބޮމެއްގެ ސަބަބުން ކަން ސާބިތުވެއްޖެނަމަ ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންގެ އާއިލާތަކަށް މިސްރުން ފައިސާގެ ބަދަލު ދޭން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހަބަރުތައް ބުނެ އެވެ.