ބޭރު ކުޅިވަރު

ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު ލޫކަސް ރެއާލަށް

ބްރެޒިލްގެ ކްުރުޒޭރިއޯ އަށް ކުޅެމުންދާ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު ލޫކަސް ސިލްވާ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަށް ސޮއިކޮށްފި އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ލޫކަސް، 21، ރެއާލްގެ މެޑިކަލް ފުރިހަމަ ނުކުރި ނަމަވެސް، އޭނާ ވަނީ ދިގު މުއްދަތުގެ ކޮންޓުރެކްޓެއްގައި ރެއާލަށް ސޮއިކޮށްފަ އެވެ. ރެއާލްއާއެކު ލޫކަސް ހެދި ކޮންޓުރެކްޓް ހަމަވާނީ 2020 ވަނަ އަހަރަށެވެ. ކްރުޒޭރިއޯ އިން ލޫކަސް ރެއާލަށް ދޫކޮށްލީ 9.7 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ލޫކަސް ރަސްމީކޮށް ތައާރަފްކުރުމަށް ބާއްވާ ރަސްމިއްޔާތު ހޯމަ ދުވަހަށް ރެއާލް އިން ވަނީ ޝެޑިއުލްކޮށްފަ އެވެ.

ބްރެޒިލްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ލޫކަސް ވަނީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ކްރުޒޭރިއޯ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ރެއާލް އިން ވަނީ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޓް ،16، ވެސް ދާދި ފަހުން އެ ޓީމަށް ގެނެސްފަ އެވެ. އޮޑެގާޑާކީ ޔޫރަޕްގެ ބޮޑެތި އެހެން ކްލަބުތަކުން ވެސް ފާރަލަމުންދިޔަ ކުޅުންތެރިއެކެވެ. އުމުރުން 15 އަހަރުގައި ނޯވޭގެ ގައުމީ ޓީމަށް ކުޅެން ފެށި އޮޑެގާޑް ނޯވޭގެ ސްޓްރޮމްސްގޮޑްސެޓް އިން ރެއާލަށް ގެންދިޔައީ 2.3 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގަ އެވެ. -- ބީބީސީ