މޯލްޑިވްސް ޕޮލިސް ސާވިސް

ޖޫސް ޓައިމްއަށް ގެއްލުން ދިން އެކަކު ހައްޔަރުކޮށްފި

Mar 5, 2023

ހުޅުމާލޭގައި ހިންގާ "ޖޫސް ޓައިމް" ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީގޮތުން ބައިވެރިވި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ޖޫސް ޓައިމްއަށް ގެއްލުން ދިނުމުގައި އަމަލީގޮތުން ބައިވެރިވީ ދެ މީހެކެވެ. މިއަދު ހައްޔަރުކުރި މީހާއާއި އަދި އޭނާއާ އެކު ގެއްލުން ދިނުމުގައި އަމަލީގޮތުން އުޅުނު މީހާގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ޖޫސް ޓައިމް އަށް ގެއްލުން ދިނުމުގެ މައްސަލައިގައި މީގެކުރިން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކޮށް ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި މަސްތުވާތަކެތި އެތަނުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައްސަލައިގައި ކުރިން ހައްޔަރުކުރި ހަތް މީހުންނަކީވެސް ދިވެހިންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނެ އެވެ.

"ޖޫސް ޓައިމް" ކެފޭއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ބޮޑެތި ގެއްލުންތަކެއް ދިނީ މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.

ކެފޭއަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލްމީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.

ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން އަދި ހެލްޓުމެޓް ވެސް އަޅައިގެން ތިބި ދެ މީހުން ސައިކަލެއްގައި ކެފޭ ކައިރިއަށް އައިސް ސައިކަލް ޕާކް ކުރުމަށްފަހު ކެފޭއަށް ވަންނަ ގޮތަށް ވަކި ތަނެއް ބެލުމެއް ނެތި ކޯރާޑިއެއް ފާޑު އެއްޗަކުން މުޅި ތަން ތަޅައި ސުންނާފަތިކޮށްލާ ތަނެވެ.

ދެ ފިރިހެނުން ކަމަށް ބެލެވޭ ދެ މީހުން ތަނަށް ވަނުމާ އެކު ކައުންޓަރުގައި ހުންނަ މީހާ އެތަނުގެ އެހެން ދޮރަކުން އެތެރެއަށް ވަނުމަށްފަހު އެތަނުން ނިކުމެގެންދާ ތަން ފެނެ އެވެ. އޭރުވެސް އެތެރޭގައި ތިބި ދެ މީހުން ދިޔައީ ތަނުގައި ހުރިއްޔާ ހުރި އެއްޗެއް ތަޅައި ސުންނާފަތި ކުރަމުންނެވެ.

މި ދެ މީހުން އެތަނުގައި މިނެޓެއްހާއިރު އުޅެފައި ނިކުމެގެން ދިޔައީވެސް ކައުންޓަރުގައި ހުރި އެއްޗެއް ނަގައިގެންނެވެ. މި ދެ މީހުން ކުރާނެހާ ކަމެއް ކޮށްފައި ދިއުމުން އެތަނުގައި ތިބި އާންމުންވެސް ކެފޭއަށް ވަންނަ މަންޒަރުވެސް ވީޑިއޯ އިން ފެނެ އެވެ.