ފައިސަލް ނަސީމް

ލީޑަރުން ބިނާކުރަން ސަރުކާރުން އިސްކަންދޭ: ނައިބް ރައީސް

Mar 5, 2023

ގައުމުގެ މުސްތަގުބަލް ބިނާވެފައިވަނީ މިއަދު ބިނާކުރެވޭ ލީޑަރުންގެ ހުނަރާއި ގާބިލުކަމުގެ މައްޗަށް ކަމުގައި މި ސަރުކާރުން ވަރަށް ބޮޑަށް ގަބޫލުކުރާ ކަމަށާއި އެފަދަ ލީޑަރުން އުފެއްދުމަށް މިސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމުކޮށްގެން ބޭއްވި ނޭޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2023 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ނައިބް ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރުން އިންސާނީ ވަަސީލަތާއި، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގައި ޒުވާނުންގެ ކުރިއެރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

"މިގޮތުން މުސްތަގުބަލުގައި ގައުމު ހިންގުމާއި ހަވާލުވެ ތިބޭނެ ލީޑަރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތްތެރިކަމުގެ ހުނަރުތަކާއި ފަންނީ ހުނަރުތައް އިތުރުކޮށް މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ސަރުކާރުން ގެންދަނީ ފަހިކޮށްދެމުން،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިިކުފާނު ވިދާޅުވީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ކޮންމެ މެމްބަރެއްގެ މުހިއްމު ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ފަރާތްތަކަކަށް ހާއްސަކޮށް އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިގޮތުން އަންހެނުން ކުރިއަރުވައި ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރެއްވި އެވެ.

ނެޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2023ގެ ބައިވެރިންނާއި މުހާތަބުކުރައްވައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސްގައި ދަސްވި ކަންކަމުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށާއި، ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުންމަތީގައި ދެމިތިބެ އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ނެޝަނަލް އެޗްއާރް ކޮންފަރެންސް އެންޑް އެކްސްޕޯ 2023 ގައި ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރުންނާއި، ކުރިއަރަމުން އަންނަ ލީޑަރުންނާއި، އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.