ހައިކޯޓް

ހައިކޯޓުގެ ފަނޑިޔާރަކަށް ޝަކީލް އައްޔަންކުރަން ނިންމައިފި

Mar 6, 2023
1

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީ މިދިޔަ ޖެނުއަރީ 16 ވަނަ ދުވަހު ހުޅުވާލުމުން އެ މަގާމަށް ޝަކީލްއާ އެކު ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެެވެ.

ޖޭއެސްސީ އިން މިއަދު ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އއ. ފެރިދޫ، ސިޔާމާމަންޒިލް، އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ލަފާދިނުމާ ގުޅިގެން އިއްޔެ ބޭއްވުނު ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އަހްމަދު ޝަކީލް، ސިޔާމާމަންޒިލް، އއ. ފެރިދޫ
  • މުހައްމަދު ޝަނީޒް އަބްދުﷲ، ހަނދުވަރީނާޒް، ގދ.ގަ އްދޫ
  • ހުސައިން ޝަކީބް، ހުޅުމާލެ، ދޮޅަސް، މާލެ
  • މަރިޔަމް ވަހީދު، ބެލޫން، ސ.ފޭދޫ

އަހްމަދު ޝަކީލް އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރީ މާޗް 23، 2003 ގައެވެ. އަހްމަދު ޝަކީލް އަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. ފަނޑިޔާރު ޝަކީލް ނުވާރަ އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި، ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި އެވެ. މިވަގުތު އަހްމަދު ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް ވެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ ނުވަ ފަނޑިޔާރުންނެވެ. ހައިކޯޓު ހިންގުމާ މިވަގުތު ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.