އީޕީއޭ

ތިލަފުށި ފަރަށް އެރި ބޯޓު ތިން މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

"އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ" ނަމަކަށް ކިޔާ ބޯޓެއް ކ. ތިލަފުށީގެ ކުޑަގިރި ފަރަށްއެރުމާ ގުޅިގެން ތިން މިލިއަން ރުފިޔާއިން ޖޫރިމަނާކޮއްފި އެވެ.

މި ބޯޓު ފަރަށް އަރާފައިވަނި ޖެނުއަރީމަހުގެ 31 ވަނަ ދުވަހު އެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުުނީ އެ ހާދިސާއާ ގުޅިގެން 130 އަކަމީޓަރުގެ ސަރަހައްދަކަށް އެކި ވަރުގެ ގެއްލުން ތަށް ލިބިފަިއވާ ކަމަށެވެ. އަދި ބޯޓުގެ ވެރިފަރާތުން ހިއްސާ ކޮށްފައިވާ ސާވޭ ރިޕޯޓުން ވެސް އެކަން ފާހަގަވާ ކަމަށް އީޕީއޭއިން ބުނެ އެވެ.

ތިލަފުށި ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 3،098.710.00ރ އިން އެ ބޯޓުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އަދި މި އަދަދު 30 ދުވަހުގެ ތެރޭގައި ދައްކާ ހަމަކުރަންޖެހޭނެ ކަމަށްވެސް އިދާރާއިން ވަނީ އަންގާފަ އެވެ.

މީގެ ކުރިން ވެސް ބޯޓުފަހަރު ފަރަށް އަރައި ގެއްލުންވެ އެތައް މިލިއަނަކުން ޖޫރިމަނާ ކޮށްފައިވެ އެވެ. އެކަމަކު، އެ ފައިސާ ނުލިބުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ.