ފިނިޕޭޖް

ޓޮމް ސައިޒްމޯ 61 އަހަރުގައި މަރުވެއްޖެ

އުމުރުން 61 އަހަރުގައި ހޮލީވުޑް އެކްޓަރު ޓޮމް ސައިޒްމޯ މަރުވެއްޖެ އެވެ.

ޓޮމް މަރުވެފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޖެހުނު ސްޓްރޯކަކާ ގުޅިގެން ކޮމާއެއްގައި އޮތުމަށްފަހު ލޮސް އެންޖަލަސްގެ ހޮސްޕިޓަލެއްގަ އެވެ.

ޓޮމް މަރުވިއިރު ގާތުގައި އޭނާގެ ބޭބެ ޕޯލް އާއި ޓްވިންސް ޖޭޑަން އާއި ޖެގާ ހުރި ކަމުގައި ޓޮމްގެ މެނޭޖަރު ބުންޏެވެ.

ޓޮމްގެ ހާލަތު ރަނގަޅު ނުވުމުން ޑޮކްޓަރުން ކުރިން ވަނީ އުއްމީދު ކަނޑާލާފަ އެވެ.

ޓޮމްގެ މެނޭޖަރު އިތުރަށް ބުނީ ޓޮމްގެ އާއިލާއަށް ލޯތްބާއި އެއްބާރުލުމުގެ އެތައް ސަތޭކަ މެސެޖް ލިބެމުންދާތީ އެކަމާމެދު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނުނަމަވެސް މި ދަތި ހިނދުކޮޅުގައި ޕްރައިވަސީއަށް އެދޭ ކަމަށާއި އެކަމަށް އިހުތިރާމު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ހޮލީވުޑްގައި 30 އަކަށް އަހަރު ޓޮމް މަސައްކަތް ކުރިއިރު މޮޅު ޑައިރެކްޓަރުންނާއި އެކްޓަރުންނާއެކު ވަނީ މަސައްކަތްކޮށް، ލީޑް އަދި ސަޕޯޓިން ރޯލް ކުޅެފަ އެވެ. މޮޅު އެކްޓަރެއް ނަމަވެސް ޓޮމް އަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ގިނަ މައްސަލަތަކަކާ ކުރިމަތިލަމުން ދިޔަ މީހެކެވެ.

ޓޮމްގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ބޯން އޮން ދަ ފޯތް އޮފް ޖުލައި"، "ވާޔަޓް އާޕް"، "ސޭވިން ޕްރައިވެޓް ރާޔަން"، "ހީޓް"، "ނެޗުރަލް ބޯން ކިލާސް"، "ޕާލް ހާބާ"، "ބްލެކް ހޯކް ޑައުން" ހިމެނެ އެވެ.

ޓޮމްގެ މަރާ ގުޅިގެން ރައްޓެހިންނާއި ފިލްމީ ދުނިޔޭގެ ފަންނާނުން ދަނީ ތައުޒިޔާ ކިޔަމުންނެވެ.