ޕީޕީއެމް

ޕީޕީއެމްއިން ގުރައިދޫ ދާއިރާގެ ޕްރައިމަރީ އަކަށް ދަނީ

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަކައި ޕްރައިމަރީއަކަށް ދިއުމަށް އެ ޕާޓީން ނިންމައިފި އެވެ.

ގުރައިދޫ ދާއިރާގެ ޕްރައިމަރީއަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މާދަމާ 14:30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ޕީޕީއެމުން މައުލޫމާތުދެ އެވެ. ޕީޕީއެމްގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެއް ކެންޑިޑޭޓަށް ވުރެ ގިނައިން ކުރިމަތި ލާނެ ކަމަށް ލަފާ ކުރެވޭތީ ޕްރައިމަރީގެ ވޯޓުލުން އަންނަ ހުކުރު ދުވަހަށް މިހާރު ވަނީ ތާވަލް ކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ވެރިން ވަނީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވުމަށް އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޒިޔާރަތްވެސް ކުރައްވާފަ އެވެ.

ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު މެލޭޝިޔާގަ އެވެ.

ރިޒާ އަވަހާރަވުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލާފަ އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ އެމްޑީޕީ އާއި އެމްއެންޕީއިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.