ބޮލީވުޑް

"ޕަޓާން" އަށް ފަހު އެންމެންގެ ލޯ އަޖޭގެ "ބޯލާ" އަށް

އަޖޭ ދޭވްގަން އާއި ތައްބޫ ކުޅެފައިވާ "ބޯލާ"ގެ ޓްރެއިލާ ހޯމަ ދުވަހު ވަނީ ލޯންޗުކޮށްފަ އެވެ. ޓްރެއިލާ ލޯންޗުކުރުމަށްފަހު އަޖޭ ބުނި ގޮތުގައި "ޕަޓާން"އަށް ލިބުނު ވަރުގެ ކާމިޔާބެއް ބޮކްސް އޮފީހުގައި "ބޯލާ"އަށް ވެސް ލިބުމަކީ އޭނާ އެދޭ ގޮތެވެ.

ޝާހް ރުކް ޚާންގެ "ޕަޓާން" މިހާރު ވަނީ މިހާތަނަށް ރިލީޒްކުރި އެންމެ ކާމިޔާބު ހިންދީ ފިލްމުގެ ރެކޯޑް މުގުރާލާފައެވެ. މިހާތަނަށް މި ފިލްމަށް ދުނިޔޭގެ ހުރިހާ ގައުމަކުން 1،028 ކްރޯޑު ލިބިފައި ވެއެވެ.

"ބޯލާ" އަކީ ވަރަށް މޮޅު ފިލްމެއްގެ ގޮތުގައި ބެލުންތެރިން ބަލައިގަންނާނެކަމުގެ ޔަގީންކަން އަޖޭ އަށް އެބައޮތެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވެސް އަޖޭ އެވެ. މިއީ 2022ގައި ރިލީޒްކުރި "ރަންވޭ 34" އަށް ފަހު އަޖޭ ޑައިރެކްޓްކުރި ފިލްމެކެވެ.

"ބޯލާ" އަކީ ތަމަޅަ ބަހުން ނެރެފައިވާ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ކައިތީ"ގެ ރިމޭކް އެކެވެ.

އަޖޭ ބުނި ގޮތުގައި "ބޯލާ" އަކީ 'އާއިލީ ވާހަކަ' އެކެވެ. ފިލްމެއްގައި ވިއްޔާ އާއިލީ ވާހަކަތަކެއް ވެސް ދައްކަން ޖެހޭނެ ކަމަށާއި އެކްޝަން ފިލްމަކަށް ހަމައެކަނި ތަޅާފޮޅާ މަންޒަރުތައް ދައްކައިގެން ކަމަކު ނުދާނެ ކަމަށް އަޖޭ ބުންޏެވެ.

މާޗް 30 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ބޯލާ"ގައި ތައްބޫ ކުޅެނީ އަންހެން ފުލުހެއްގެ ބައެވެ. އަޖޭ ކުޅެނީ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު ނުކުންނަ މީހެއްގެ ރޯލެވެ.