ދުނިޔެ

އެމެރިކާ މިހާރު އެ އޮތީ ބުރަކި ޖައްސަން ޖެހިފައި، އެ ނޫން ގޮތެއްގައި އަރާނީ ތޮއްޓަށް

ޗައިނާއާ މެދު އެމެރިކާ ވިސްނާ ގޮތް އިޚުލާސްތެރި ނޫން ކަމަށް ޗައިނާގެ އާ ފޮރިން މިނިސްޓަރު ޝިން ގޭން ވިދާޅުވެއްޖެ އެވެ.

އޭނާ އަދި ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް އިގުތިސާދީ ވާދަވެރިކަމުގައި އެމެރިކާގެ މިސްރާބު ހުރީ ބާރު ދުވެލީގައި އައިސް ގަޔަށް ބޮލަށް އަރައިގަންނަ ގޮތަށް ކަމަށެވެ.

ޝިން ގޭން ވިދާޅުވި ގޮތުގައި އެމެރިކާގެ ދުވެލި އެހާ ބާރު ނަމަ އެމެރިކާ ކައްސާލައިގެން ގޮސް އަރާނީ ތޮއްޓަށެވެ.

ޝިން ގޭން ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަށް ކުރެއްވުމުގެ ކުރިން ހުންނެވީ އެމެރިކާގައި ހުންނަވާ ޗައިނާ ސަފީރުގެ މަގާމުގަ އެވެ.

އެމެރިކާއަށް ހުރަސްވާ ކޮންމެ ކަމެއްގައި ޗައިނާއާ ދިމާކުރުމަކީ ދުޅަހެޔޮ ވާދަވެރިކަން ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އިގްތިސާދީ ދުވެލި ކިތަންމެ ބާރު ނަމަވެސް، އަނެކުންނަށް ގެއްލުންދިނުން ވިސްނުމުގައި އޮތް ނަމަ -- އެއާ އެއްވަރުގެ ނުވަތަ އެއަށް ވުރެ ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވެ ގަތުމަކީ ނާދިރުކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އެމެރިކާ މަތިން ވައިގެ ތެރެއިން ދަތުރުކުރަނިކޮށް އެ ގައުމުގެ ފައިޓަރު ޖެޓްތަކުން މިސައިލަކުން ގޮއްވާލި ޗައިނާގެ މޫސުން ބަލާ ހަމާ ބެހޭ ގޮތުން ޝިން ގޭން ވިދާޅުވީ، މަދަނީ ބޭނުމެއްގައި ޗައިނާގެ ސައިންސްވެރިން ބޭނުންކުރި ފުއްޕާހަން ވައްޓާލުމުގައި އެމެރިކާއިން އަމަލުކުރީ ދެ ގައުމުގެ ދެމެދުގައި ނަފުރަތު އުފެދޭ ގޮތަށް ކަމަށެވެ.

އެ ފުއްޕާހަމާ ބެހޭ ހުރިހާ މައުލޫމާތެއް އެމެރިކާއަށް ފޯރުކޮށްދިން ނަމަވެސް، ހަން ވައްޓާލުން ނޫން ގޮތެއް އެމެރިކާ އިޚުތިޔާރު ނުކުރި ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ވާދަވެރިކަން ނޫން ކަމަށާއި އެކަމަކު ރުޅިވެރިކަން ކަމަށެވެ.

އެމެރިކާ އާއެކު ގާތް ގުޅުމެއް ބާއްވަން ޗައިނާއިން ތަކުރާރުކޮށް އެދުނު ނަމަވެސް ޖޯ ބައިޑަންގެ ސަރުކާރުން ބަލައި ނުގަތް ކަމަށް ވެސް ޝިން ގޭން ވިދާޅުވި އެވެ.

ޗައިނާ ބަލިކުރުން ނޫން ގޮތެއް އިޚުތިޔާރުކުރަން އެމެރިކާ ބޭނުން ނުވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ އެމެރިކާއަށް ލާހިކުކަމެއް ނޫން ކަމަށެވެ.

އެމެރިކާ އެއަންނަ ބާރުމިނުގައި ޗައިނާއާ ދިމާއަށް އަންނަ ނަމަ ރޭލު ދަގަނޑު ބަދަލުކޮށްލާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭރުން ކޮންމެވެސް ތަނަކަށް މުޑިއަރައި މޮޔަހީވެދާނެ ކަމަށެވެ.