ފިނިޕޭޖް

17 ސީޒަނަށްފަހު "ރޭޗަލް ރޭ" ޝޯ ނިންމާލަނީ

މަޝްހޫރު ޑޭޓައިމް ޓޯކް ޝޯ "ރޭޗަލް ރޭ" ނިންމާލަން ނިންމައިފި އެވެ.

މީގެ ސަތާރަ އަހަރު ކުރިން 2006 ގައި ފެށި "ރޭޗަލް ރޭ" ޝޯ އަކީ ސެލެބްރިޓީންނާއެކު އިންޓަވިއުތަކާއި މޭކްއޯވާތަކާއި މުނިފޫހިފިލުވުމުގެ އެހެން ބައިތަކުގެ އިތުރުން ރޭޗަލްގެ ލަފާ އަދި ކެއްކުމާ ބެހޭ ބައިވެސް ގެނެސްދޭ މަގުބޫލު ޝޯއެކެވެ.

ސަތާރަ ސީޒަނަށްފަހު ނިންމާލުމަށް ހަމަޖެހިފައިވާ މި ޝޯއަށް ވަނީ ތިން ޑޭޓައިމް އެމީ އެވޯޑް ލިބިފަ އެވެ.

މި ޝޯ ނިންމާލާ ސަބަބަކީ ޝޯގެ ހޯސްޓް، 54 އަހަރުގެ ރޭޗަލް ރޭ "ފްރީ ފުޑް ސްޓޫޑިއޯޒް"ގެ ނަމުގައި އާ ޕްރޮޑަކްޝަން ކުންފުންޏެއް ލޯންޗުކޮށް، އެ ޝޯއިން ވަކިވާން ނިންމުމުންނެވެ.

ރޭޗަލް ބުނީ އޭނާގެ 20 އަހަރަށް ވުރެ ގިނަ ދުވަސްވި ޓީވީ ކެރިއަރުގައި މެދުނުކެނޑި އެއް ނަމުގައި ސަތާރަ ޝޯ ގެނެސްދީފައިވާ ކަމަށާއި އެހެންނަމަވެސް އޭނާގެ ބްރޯޑްކާސްޓް ކެރިއަރުގެ ދެން އޮތް އެކްސައިޓިން ޗެޕްޓަރަށް ބަދަލުވާން ނިންމައިފި ކަމަށެވެ.

"ފްރީ ފުޑް ސްޓޫޑިއޯޒް" އިން ބޮޑަށް އަމާޒުކުރާނީ ބަދިގެއާ ގުޅުންހުރި ކޮންޓެންޓް ހެދުމަށެވެ.

ރޭޗަލް ވަނީ 30 މިނެޓްގެ ތެރޭގައި ތައްޔާރުކުރެވޭ ކެއުންތަކާ ބެހޭގޮތުން އެތައް ކައްކާ ފޮތާއި މެގަޒިން އެއް ނެރެފައެވެ. މީގެ އިތުރުން ކައްކާ ތެލި ފަދަ ބަދިގެ ސާމާނުވެސް ލޯންޗުކޮށްފައިވެ އެވެ.