އަމީނީމަގުގައި ތާރުއަޅާ ތަރައްގީ ކުރުމަށްފަހު އާންމުންނަށް ހުޅުވާލި ބައިގައި ރޭ ފެން ބޮޑުވީ މަގު އެއްކޮށް ހަދާ ނުނިމޭތީ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.
އާރްޑީސީގެ އޮފިޝަލަކު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމީނީ މަގު ތަރައްގީ ކުރުމަށްފަހު އަލަށް ހުޅުވި ބައިގައި ފެން ބޮޑުވެފައިވަނީ އަމީނީ މަގު އެއްކޮށް ނުނިމޭތީ ކަމަށެވެ.
"އަމީނީ މަގު އެއްކޮށް ތަރައްގީކޮށް ނިމުމުން މިކަމަށް ހައްލެއް ލިބޭނެ. އޭރުން ފެން ހިންދާ ނިޒާމުވެސް ހުންނާނީ ހަރުކޮށް ބޭނުން ކުރަން ފަށާފަ. މިހާރު ފެން ބޮޑުވިޔަސް މާ ގިނަ އިރެއް ނުވެ ފެން ހިނދޭނެ،" އާރްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގު ހަދާ ނިމުމުން މުޅިން އައު ފެން ހިންދާ ޕަމްޕުތަކެއް ހުންނާނެ ކަމަށެވެ.
އަމީނީމަގުގެ ތާރު އެޅިބައި އާންމުންނަށް ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދަނީ އެވިޑް ކޮލެޖާއި ހަމައިން ފެށިގެން އިމާދުއްދީން ސްކޫލާ ހަމައަށް އޮތް ބައިގަ އެވެ. ރޯދައިގެ ކުރިން މިބައިގައި ތާރުއަޅާ ނިންމާލުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދަނީ މަސައްކަތް ކުރަމުންނެވެ.
އާރްޑީސީ އިން ބުނީ ތާރު އެޅި ބައި އާންމުކޮށް ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް އެ ސަރަހައްދުގައި އަދިވެސް ކުރިއަށްދާ ކަމަށާއި އަދި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކުރުމަށް މޫނިމާ ހިނގުން އަދިވެސް ބަންދުކޮށްފައިވާ ކަމަށެވެ.
އާރްޑީސީން އަމީނީމަގުގައި ޕޭވިންގެ މަސައްކަތް ނިންމާފައި އޮތް ހިސާބުގައި ތާރު އަޅަން އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެމްޓީސީސީން ވަނީ ހަފްތާއެއްހައި ދުވަސް ތެރޭގައި ސްޓެލްކޯއާއި ހިސާބަށް އަމީނީ މަގުގައި ތާރު އަޅައި ނިންމާލާފަ އެވެ.
މާލޭގެ އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ޖުލައި 3، 2022ގައި 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދިނީ ހަތް މަސް ދުވަހެވެ. ނަމަވެސް ކުރިން ކަނޑައެޅި ތާރީހަށް މަސައްކަތް ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އަމީނީ މަގުގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރުގަ އެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގު ބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުންވެސް މަޝްރޫއުގައި ހިމެނެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.