މީހުން

މުސްލިމު އިލްމުވެރިޔާ ޖާބިރު

ޖާބިރް އިބްނި ހައްޔާން އަކީ މެދުތެރޭ ޒަމާނުގައި ދުނިޔޭގައި އުފެދުނު އެންމެ މަޝްހޫރު ކެމިސްޓް ނުވަތަ ކެމިސްޓްރީގެ އިލްމުވެރިޔާ އެވެ.

ޖާބިރް ދުނިޔެއަށް މަޝްހޫރު ވެފައިވަނީ ކެމިސްޓްރީގެ ބައްޕަގެ ގޮތުގަ އެވެ. ޖާބިރުގެ ބައްޕަ އަކީ އެޒަމާނުގައި ބޭސް ވެރިކަމުގެ ތެރޭގައި އުޅުއްވި މަޝްހޫރު ކެމިސްޓް އެއް ކަމުގައިވާ އައްތާރު ކިޔާ މީހެކެވެ. ޖާބިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ތާރީހާމެދު ކޮނެމެވެސް ވަރެއްގެ ހިލާފްތަކެއް ހުއްޓަސް އޭނާ ބޭސްވެރިކަމުގެ ތެރޭގައި އުޅުއްވީ އިރާގުގެ ކޫފާގައި މީލާދީން 776 ހިސާބުގަ އެވެ.

ބުނެވޭ ގޮތުގައި އޭނާ ތައުލީމް އުނގެނިވަޑައިގަތީ މަޝްހޫރު އިމާމް ޖައުފަރު ސޯދިގު އަދި އުމައްޔަދު ޕްރިންސެއް ކަމުގައިވާ ހާލިދު ބިން ޔަޒީދް އަރިހުންނެވެ. އޭނާގެ ޒުވާންދުވަސްވަރު ބޭސްވެރިކަން ކުރެއްވި އެވެ. އެ ދުވަސްވަރު އޭނާ މަސައްކަތްޕުޅު ކުރައްވާފައިވަނީ އައްބާސީ ދައުލަތުގެ ހަލީފާ ހާރޫން ރަޝީދުގެ ދުވަސްވަރު ބާރުގަދަކޮށް އުޅުއްވި ބަރުމާކީ ވަޒީރުގެ ބެއްލެވުމުގެ ދަށުންނެވެ. މިދެންނެވި ބަރުމާކީގެ ވެރިންގެ ބާރުވެއްޓި ހިނގި ކަންތައްގަނޑު ތެރޭގައި ޖާބިރުވެސް ގޭބަންދު ކުރެވުނެވެ. އޭނާ އަވަހާރަވެފައިވަނީ ގޭބަންދުކުރެވިފައި ހުރި ރަށް ކޫފާގައި މީލާދީން 803 ގައެވެ.

އިލްމުގެ ދުނިޔެއަށް ޖާބިރު ދޫކުރެއްވި އެންމެ މުހިންމު ތަކެއްޗަކީ ކެމިސްޓްރީގެ ރޮނގުން އޭނާ ލިޔުއްވި ލިޔުންތެކެވެ. އެނާގެ ތަހުލީލާއި ދިރާސާ ކުރުމުގެ ފަންނުތައް ކުރިއެރުވި މިންވަރުން މޮޑަން ކެމިސްޓްރީ އުފެދިގެން އައެވެ. އެތައް ގަރުނެއް ވަންދެން ޖާބިރުގެ ލެބޯޓްރީ ދެމިގެން އައިއިރު އޭނާ ވަނީ 100 ވަރަކަށް އިލްމީ މަސައްކަތް ކުރައްވާފަ އެވެ. އެއިގެ ތެރޭގައި ކެމިސްޓްރީ އަށް ހާއްސަ 22 ފޮތް ހިމެނެ އެވެ. އޭނާގެ ލިޔުންތަކުގައި ކެމިސްޓްރީގެ މުހިއްމު ބައިތައް ކަމުގައިވާ ކްރިސްޓަލައިޒޭޝަން ޑިސްޓިލޭޝަން ކެލްސިނޭޝަން ސަބްލިމޭޝަން އަދި އެވަޕޮރޭޝަންގެ ޓެކްނިކްތައް ފުރިހަމަކޮށް އަދި އެކަންކުރާނެ އިންސްޓްރުމަންޓްތައް ތަރައްގީ ކުރި އެވެ. އެތަކެތި ބޭނުންކޮށް މުޅިން އަލަށް މިނަރަލްސް އަދި އެސިޑް އުފައްދާނެ ގޮތް ހޯދިއެވެ. މީގެ އިތުރުން މައުދަންތައް އުފައްދައި ވިރުވައި ކުނޑިޔަށް ހަދައި މިފަދަ އެތަކެއް އީޖާދުތަކެއް ޖާބިރު އީޖާދުކުރި އެވެ.

ކެމިސްޓްރީގެ އިތުރުން ބޭސްވެރިކަމާއި އެސްޓްރޮނޮމީގެ އިލްމީ މަސައްކަތްވެސް ޖާބިރު ކުރެއްވި އެވެ. އޭނާގެ މަސައްކަތް ކަމުގައިވާ ކިތާބުލް ކީމިޔާ އަދި ކިތާބުލް ސަބްއީން ލެޓިން ބަހަށާއި ޔޫރަޕުގެ އެތައް ބަހަކަށް ތަރުޖަމާ ކޮށްފައިވެ އެވެ.

މޮޑަން ކެމިސްޓްރީ އުފެދުނީ ޔޫރަޕްގައި އެތައް ޒަމާންވަންދެން މިދެންނެވި އިލްމީ ފޮތްތައް ތައުލީމް އުނގެނުމުގައި ބެނުންކުރަމުން އައިސް އެއިގެ މައްޗަށް ބިނާކޮށެވެ. މިއަދު ޔޫރަޕުގައި ބޭނުންކުރެވޭ ސައެންޓިފިކް ބަހުރުވައިގައި ބޭނުންކުރާ އަލްކަލައި ފަދަ އަރަބި އެތަކެއް ބަހެއް އޭނާގެ މަސައްކަތުގެ ތެރެއިން ނަގާފައިވެ އެވެ. ހަމަ އެހެންމެ ކެމިސްޓްރީގެ ނަން ނެގިފައިވަނީ ޖާބިރުގެ އިލްމީ މަތިވެރި މަސައްކަތް ކަމުގައިވާ ކިތާބުލް ކީމިޔާގެ މި އަރަބި ލަފްޒު "ކީމިޔާ" އިންނެވެ.

ޖާބިރުގެ މަސައްކަތުގެ އަސްލު އަގު ވަޒަންކުރެވޭނީ އޭނާ ލިޔުއްވާފައިވާ ހުރިހާ ތަކެއްޗެއް ދިރާސާކުރެވި ތަރުޖަމާކުރެވި ޕަބްލިޝް ކުރެވިގެން ކަމަށް ސާޓަން ކިޔާ މުއައްރިހަކު ވިދާޅުވެފައިވެ އެވެ. އޭނާގެ ފިލޯސޮފިކަލް އަދި ދީނީ ނަޒަރިއްޔާތު އިލްމީ މަސައްކަތް ކުރައްވާފައިވީ ނަމަވެސް ޖާބިރުގެ ހަގީގީ އިލްމުވެރިކަން ބިނާވެފައިވަނީ ކެމިސްޓްރީގެ މައްޗަށް ކަމަށްވެފައި އޭނާގެ އީޖާދީ އުފެއްދުން ކަމަށްވާ އެސިޑް ފަދަ އިލްމުގެ ސަބަބުން އޭނާއަކީ ހަގީގަތުގައިވެސް ދުނިޔޭގެ ކެމިސްޓްރީގެ ބައްޕަ ކަމުގައި ވަނީ ވެފަ އެވެ. ޔޫރަޕްގައި ކެމިސްޓްރީގެ އިލްމީ ފެށުން ބިނާވެގެން އައިސްފައިވަނީ ޖާބިރު ކުރެއްވި އިލްމީ މަސައްކަތަށް ކަމުގައި މުއައްރިހު މެކްސް މެޔަހާފް ވިދާޅުވެފައިވެ އެވެ.