އޭސީސީ

އޮސްޓްރޭލިއާގެ ކުންފުންޏަކުން ބައި ބިލިއަން ޑޮލަރު އަނބުރާ ހޯދަން އޭސީސީ އިން އަންގައިފި

Mar 7, 2023

ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އެޅުމަށްޓަކައި އެމްޓީސީސީގެ ހިއްސާ އޮންނަ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއާރްއީއައިސީ)އިން އޮސްޓްރޭލިއާގެ ކުންފުންޏަކަށް ދޫކޮށްފައިވާ ބައި ބިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް އަންގައިފި އެވެ.

މިއީ ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އެމްޓީސީސީގެ 99 ޕަސަންޓް ހިއްސާ އޮތް އެމްއާރްއީއައިސީ އިން އޮސްޓްރޭލިއާގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިއާ (އައިއެފްސީއޭ) ކިޔާ ކުންފުންޏަކަށް އަނބުރާ ދޭގޮތަށް 2007 ވަނަ އަހަރު ދޫކޮށްފައިވާ 550 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 8.5 ބިލިއަން ރުފިޔާ އެވެ.

މިމަސައްކަތުގެ ދަށުން 690 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެމްއާރްއީއައިސީއާ އައިއެފްސީއޭއާ ދެމެދު އޭރު މަޝްވަރާކޮށްފައިވެ އެވެ.

މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކުރުމަށްފަހު ބުނެފައިވަނީ އައިއެފްސީއޭއަށް ދޫކޮށްފައިވާ 550 މިލިއަން އެމެރިކާ ޑޮލަރަކީ މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އައިއެފްސީއޭ އިން ހޯދުމަށްފަހު އެމްއާރްއީއައިސީއަށް އަނބުރާ ހަވާލުކުރަންޖެހޭ ފައިސާ ކަމަށެވެ.

އެ ފައިސާއަކީ އެ ޕްރޮޖެކްޓާ ގުޅިގެން އެމްޓީސީސީ އިން އެމްއާރްއީއައިސީއަށް ދީފައިވާ ފައިސާކަން އެނގޭ ކަމަށާއި އައިއެފްސީއޭ އިން މިއަދާ ހަމައަށްވެސް އެ ފައިސާ އަނބުރާ އެމްއާރްއީއައިސީއަށް ދީފައި ނުވާ ކަންވެސް އޭސީސީ އިން ފާހަގަކޮށްފައިވެ އެވެ.

"މި މައްސަލާގައި ހިމެނޭ ފަސްސަތޭކަ ފަންސާސް ހާސް އެމެރިކާ ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށްވާތީ، އެފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެމްޓީސީސީއަށާއި އެމްއާރްއީއައިސީއަށް ވަނީ އަންގާފަ އެވެ." އޭސީސީ އިން ބުނެފައިވެ އެވެ.