ދިރާގުގެ 34 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި އަހަރީ އާންމު ޖަލްސާ އޮންނާނީ އެރޭ 8:15 ގަ އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ހައިބްރިޑް" ކޮށް ކަމަށްވާތީ ޖަލްސާގައި ހިއްސާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަނަށް މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ޕްރޮކްސީންގެ ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.
ދިރާގުން ބުނި ގޮތުގައި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންނަށް އެ ޖަލްސާގައި ބައިވެރިވެވޭނެ އެވެ.
ދިރާގުން ވަނީ ޖަލްސާ މާލަމަށް ހާރިޒުވެ ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފަ އެވެ.
އެހެންކަމުން ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންގެ ތެރެއިން ޖަލްސާގައި ބައިވެރިވެވޭނީ މާލަމަށް ހާޒިރުވެގެންކަން ނުވަތަ އޮންލައިންކޮށްކަން އެ ހިއްސާދާރަކަށް މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެންގޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.