ލައިފްސްޓައިލް

މޭކަޕްކުރި ގޮތުން މޫނު ހަލާކުވުމުން ފިރިހެންމީހާ ކައިވެނި ނުކުރި

އިންޑިއާގައި އަދިވެސް ކައިވެނިކުރާއިރު އަންހެން މީހާގެ ރީތިކަމަށް ވަރަށް ބޮޑަށް ބަލަ އެވެ. ތަންކޮޅެއް ސިފަ ހުތުރު މީހެއް ނަމަ ކައިވެނިކުރާ މީހުން ނުލިބިގެން ވެސް އުޅެންޖެހިފައި އެބަހުއްޓެވެ. ނަމަވެސް މިފަހަރުގެ ހާދިސާ އަކީ ވަރަށް ތަފާތު ގޮތަކަށް ދިމާވި ކަމެކެވެ.

ކައިވެނިކުރާ ފިރިހެން މީހާ އަށް އަންހެން ކުއްޖާ ރީތިވެ ދެ މީހުންގެ ކައިވެނީގެ ކަންތައް ހަމަޖެހުނެވެ. މައްސަލަ ޖެހުނީ ކައިވެނިކުރަން އޮތް ދުވަހު އަންހެން މީހާގެ މޭކަޕް ކުރަނިކޮށް މޫނުގައި ކޫރުތަކެއް އެޅި މޫނު ދުޅަވެ ސިފަޔަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްގެންނެވެ. އެހިސާބުން ފިރިހެން މީހާ ވަނީ ކައިވެނިކުރަން ދެކޮޅު ހަދައި އޭނާގެ އާއިލާގެ މީހުންނާއެކު ކައިވެނި ހޯލުން ނުކުމެގެން ގޮއްސަ އެވެ.

ކަރްނާޓަކާގެ ހަސަން ޑިސްޓްރިކްޓްގައި އޮންނަ އަރަސިކެރޭ އަވަށުގައި ފެބްރުއަރީ 27 ވަނަ ދުވަހު މި ކައިވެނީގެ ކަންތައް ފަށައިގެންއިރު އެންމެން ވެސް ތިބީ ވަރަށް އުފަލުންނެވެ. ބާރަށް ލަވަ ޖަހާ ނެށުމުގައި އެންމެންވެސް މަސްއޫލުވެ އުޅުނެވެ.

މައްސަލަ ދިމާވީ އަންހެން މީހާގެ މޫނުގައި ހޭކި މޭކަޕް އަކުން އޭނާގެ މޫނަށް ގެއްލުންތަކެއް ލިބުނީމަ އެވެ.

ކައިވެނީގެ ރިސެޕްޝަނަށް އައި އެންމެން އެ ދެ މީހުންގެ ކައިވެންޏަށް މަރުހަބާ ކިޔާ ގްރޫޕް ފޮޓޯތައް ނަގާ ހެދިއިރުވެސް ދެ މީހުން ތިބީ ވަރަށް ހެވިފަ އެވެ. އަންހެން މީހާ ވެސް އަލަތު ކައިވެނީގެ އުފަލުގައި އުފަލުން ފޮޅިފައި ހުއްޓެވެ. ނަމަވެސް އޭނާގެ އުފާތައް ދެމިއޮތީ ކުޑައިރުކޮޅަކު އެވެ. ކުއްލިއަކަށް މޫނު ދުޅަވާން ފެށީމަ އެވެ.

އަންހެން މީހާގެ މޭކަޕްކުރަން އޭނާ ޚިޔާރު ކުރީ ގަންގާ ހާބަލް ބިއުޓީ ކިޔާ ސެލޫން އެކެވެ. އޭނާގެ މޭކަޕް ކޮށްދިނީ އެތަނުން ފޮނުވި ބިއުޓީޝަން އެކެވެ. މިއީ ތަފާތު ގޮތަކަށް މޫނު ސްޓީމްކޮށްގެން މޭކަޕް ކުރާ ބައެއްގެ ގޮތުގައި އިޝްތިހާރު ކޮށްފައިވާ ސެލޫން އެކެވެ.

މި މޭކަޕްކުރަން އަންހެން މީހާ ނިންމިއިރު މިއީ ވަރަށް އާ އަދި އެއްވެސް ތަޖުރިބާއެއް މިކަމުގައި ނެތް ބައެއްކަން އޭނާ ވިސްނާފައެއް ނެތެވެ. އަދި މި ސެލޫނުން މޭކަޕް ކުރުވަން އަންހެން މީހާ ނިންމީ އެހެން މީހަކާ މަޝްވަރާ ނުކޮށް އަމިއްލަ އަށެވެ.

ފުރަތަމަ ބުރުގެ ފައުންޑޭޝަން ހާކައި ނިމުމުން ސްޓީމް ކޮށްލައިގެން އިތުރަށް ރީތިކުރަން އަންހެން މީހާ ބޭނުންވި އެވެ. ކުރިން އުނގުޅި ފައުންޑޭޝަން އަށް ސްޓީމް އިން ހޫނުވުމުން ކުއްލިއަކަށް މޫނު ދުޅަވެ ފޮޅުތަކެއް ނެގީ އެވެ.

މިހާރު އަންހެން މީހާ ވަނީ ގަންގާ ސެލޫންގެ ވެރިޔާގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އޭނާއާ ސުވާލުކުރަން ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައި ވެއެވެ. އިރުކޮޅަކުން މުޅި މޫނަށް ކަޅުކުލައެއް އަރައި މޫނު އެއްކޮށް ހަލާކުވެ އަންހެން މީހާގެ ތިމާގެ މީހުންނަށް އޭނާ ވަގުތުން ހޮސްޕިޓަލުގެ އިމަޖެންސީ އަށް ގެންދަން ޖެހުނެވެ.

ހޮސްޕިޓަލުން ފަރުވާ ދިނުމުން އަންހެން މީހާގެ ހާލު ރަނގަޅުވެ މޫނުގެ ދުޅަ ތިރިވީނަމަވެސް ފިރިހެން މީހާ އައިރުޅިން ވަނީ ކައިވެނި ކުރިއަށް ނުގެންދަން ނިންމާފަ އެވެ.

މިކަން ދިމާވި ވަގުތު އަންހެން މީހާގެ މޫނަށް ވީގޮތް ފެނިފައި ފިރިހެންމީހާ އާއި އޭނާގެ އާއިލާއިން ވަނީ ކައިވެނި ކެންސަލްކޮށް އެނބުރި ގެއަށް ގޮއްސަ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އަންހެން މީހާގެ އާއިލާއިން ވަރަށް ވިސްނައިދިނުމުން އަންހެން މީހާގެ މޫނު މުޅިން ފަސޭހަވުމުން ފަހުގެ ތާރީޚެއްގައި ކައިވެނިކުރަން ފިރިހެން މީހާ އާއި އާއިލާއިން ވަނީ އެއްބަސްވެފަ އެވެ.