ޝާހްރުކް ހާން

ޝާހުރުކާއެކު އިންޑިއާގައި ދިވެއްސަކުވެސް ސުޕަސްޓާރަކަށް!

  • ޝާހުރުކްގެ އެންމެ ބޮޑު ފޭން ކްލަބް އޭނާގެ އަތުގައި
  • ދާހާތަނަކަށް ވީއައިޕީގައި އަދި ބޮޑީގާޑުންނާއެކު
  • އިންޑިއާގެ ބޮޑެތި ކުންފުނިތައް ވެސް އޭނާގެ ފަހަތުން

"އަޅުގަނޑު ހިތަށް އެރީ ޗެލެންޖަކަށްވާ ވަރުގެ ފޭން ޕޭޖެކޭ އަޅުގަނޑު ފަށާނީ. މުޅި ދުނިޔެ އަށް ފެތުރިގެންދާ ވަރުގެ ޕޭޖެކޭ ހަދާނީ. އެގޮތަށް ވިސްނާފަ އެސްއާރްކޭ ޔުނިވާސްގެ ނަން ދިނީ. ދެން މިއަށް ވުރެ ބޮޑު ފޭން ޕޭޖެއް ނާންނާނެތާ އޭރުން."

މިއީ ބޮލީވުޑްގެ ސުޕަސްޓާ، ޝާހުރުކް ޚާންގެ އެންމެ ބޮޑު ފޭން ޕޭޖު ކަމުގައިވާ "އެސްއާރްކޭ ޔުނިވާސް" ހިންގަނީ ދިވެއްސެއްކަން އެނގިގެން މީގެ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސްކުރިން އޭނާ ހޯދައިގެން ކުރި އިންޓަވިއުއެއްގައި، އެ ފޭން ޕޭޖު އުފައްދަން ޖެހުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭގެ ވެރި ފަރާތް ބުނި ވާހަކަ އެވެ.

އޭރު އޭނާގެ "އެސްއާރްކޭ ޔުނިވާސް" ގެ ފޭސްބުކް ޕޭޖަށް ލިބިފައި ވަނީ ނުވަ ލައްކައެއްހާ ލައިކްސް އެވެ. "އެސްއާރްކޭ ޔުނިވާސް" ގެ ޓްވިޓާ ހެންޑްލް ފޮލޯކުރާ މީހުންގެ އަދަދު އަރަނީ 243،000 އަށެވެ. މި އަދަދު މިހާރު ގާތްގަނޑަކަށް 350،000 އަށް އަރާއިރު "އެސްއާރްކޭ ޔުނިވާސް" ގެ ފޭސްބުކް ޕޭޖަށް ލިބިފައިވާ ލައިކްސްގެ އަދަދު 1.7 މިލިއަނަށް އަރަ އެވެ.

މިއީ އަދިވެސް ޝާހުރުކްގެ އެންމެ ބޮޑު ފޭން ކްލަބެވެ. ބަދަލުނުވެ އޮތް ހަގީގަތަކީ އެއީ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މި ފޭން ކްލަބްގެ ވެރިޔާ، ނުވަތަ ދިވެހި އޯނަރު މުހައްމަދު އަޝްރަފްގެ މުޅި ދިރިއުޅުން މި ވަނީ ދެ ތިން އަހަރު ތެރޭގައި ހަމަ އެއްކޮށް ބަދަލުވެފަ އެވެ.

ޝާހުރުކް ހާންގެ ފޭނަކަށް ލިބޭނެ އެންމެ މަތީ ޝަރަފާއި ފަހުރު އޭނާ ވަނީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ލިބިގަނެފަ އެވެ. ޗެލެންޖު ކާމިޔާބުކޮށް ޝާހުރުކްގެ ސަމާލުކަން ހޯދައި އެންމެފަހުން އޭނާއާ ބައްދަލު ވެސްކޮށްފި އެވެ. އަދި އެސްއާރްކޭގެ ފޭން ޕޭޖު މުޅި ދުނިޔެ އަށް ވެސް ފެތުރިއްޖެ އެވެ. އެވަރުގެ ދެ ވަނަ ފޭން ޕޭޖެއް ވެސް އެއޮތް ބޮޑު ސުޕަސްޓާ ޝާހުރުކްގެ ނެތެވެ.

އަޝްރަފްގެ 20 އަހަރުވީ ހުވަފެން ހަގީގަތަށްވެ ޝާހުރުކް ޚާނާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނީ އޭނާގެ 50 ވަނަ އުފަން ދުވަހަށް ހާއްސަކޮށް މުމްބާއީގައި އަޝްރަފްގެ ޓީމުން ޝާހުރުކަށް ޓްރިބިއުޓެއް ދިނުމަށް ބޭއްވި ޕާޓީއެއްގެ ތެރެއިން އެންމެފަހުން ޝާހުރުކް އެމީހުންނަށް ސަޕްރައިޒެއް ދީ އޭނާގެ އެންމެ ބޮޑު ފޭންގެ ގޮތުގައި އަޝްރަފް ހޮވި ހިސާބުންނެވެ.

"މިފަހަރު ވެސް އެތައް ހާސް ބަޔަކު ޝާހުރުކާ ބައްދަލުކުރަން ގޮސް ތިބިއިރު ވެސް އޭނާގެ ޓީމުން އެންމެ ފުރަތަމަ ވެސް ހޯދީ އަޅުގަނޑު. އެމީހުން ބެލީ އަޅުގަނޑު ހުރީ ކޮންތަނެއްގައިތޯ. ދެން އަތުގައި ހިފައި ދަމައިގެން ގެންދިޔައީ އޭނާއާ ބައްދަލުކުރުވަން،" އަޝްރަފް ކިޔައިދިނެވެ.

"އެކަމަކު އަޅުގަނޑު އެދުނީ ފޭން ކްލަބްގެ އެހެން މީހުންނަށް އެ ފުރުސަތު ދީފައި ފަހަށް މަޑުކުރަން."

ޝާހުރުކް އެންމެފަހުން އަޝްރަފާ ބައްދަލުކުރީ އެހެން ފޭނުންނާ ބައްދަލުކޮށް ނިންމުމަށް ފަހު އެވެ. އަޝްރަފަކީ ސޯޝަލް މީޑިއާގައި ކިހާ ވަރުގަދަ މީހެއް ކަމާއި ރާއްޖެއިން ޝާހުރުކްގެ ސުޕަފޭނަކަށް ބަދަލުވެފައިވާ އާދަޔާހިލާފު މީހެއްކަން ޝާހުރުކަށް ކުރިން ވެސް އެނގެ އެވެ.

ޝާހުރުކާއި އޭނާގެ ޓީމުގެ އިސް އެންމެން ވެސް އަޝްރަފް ދަންނަނީ އަދި އޭނާ އަށް ގޮވަައި އުޅެނީ ވެސް މުހައްމަދު ބާއީގެ ނަމުންނެވެ.

"ޝާހުރުކާ އެކު 10 ވަރަކަށް މިނެޓްގެ ބައްދަލުވުމެއް ލިބުނީ. އޭނަ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެސް ވެފައި މުޅި އެ އިވެންޓްގައި ފޭނުންނާ ބައްދަލުކޮށާއި މީޑިއާއާ ބައްދަލުކުރުމާ ގުޅިގެން،" ދެން ވީ ގޮތް އަޝްރަފް ކިޔައިދިނެވެ.

"އެންމެ ފުރަތަމަ ބައްދަލުވީމަ ހަގުކޮށްލީ ދެ މިނެޓެއްހާވަރު ވަންދެން. ވަރަށް އުފާވެފައި ހުރީ. ފެނުނީމަ ވެސް އެނގޭ އޭނަ އުފާވެފައިހުރި ވަރު. އޭނަ އަށް ވެސް އެނގޭނެ އަޅުގަނޑުގެ ބެލުމުގެ ދަށުން އޭނާގެ ފޭން ގްރޫޕް ހިންގާ ފެންވަރު."

"ބައްދާލާފައި ޝާހުރުކް ބުނީ، ބޭޓާ ތެންކިޔޫ ސޯ މަޗްއޭ. ވަޓް އެވާ ޔޫއާ ޑުއިން، އައި އެމް ސްޕީޗްލެސް، މިހެން."

"މާ ގިނަ ވާހަކަތަކެއް ދައްކާނެ ފުރުސަތެއް ނުލިބޭ އަސްލު. އަޅުގަނޑު ވެސް ހުރީ ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. އެ ވަގުތުކޮޅުގައި އުފާވެގެން ގޮސް. އޭނާއާ ބައްދަލުކުރަން ބޭނުންވެފައި ހުންނަތާ 20 އަހަރު ފަހުން އެންމެފަހުން ބައްދަލުވީމަ. ސެލްފީއެއް ވެސް ނަގައެއް ނުލެވުނު. އެކަހަލަ ކަމެއްކޮށްލާކަށް ހަނދާނެއް ވެސް ނެތް އެ ގަޑިއަކު. ވަށައިގެން ވެސް މުޅިން ކެމެރާތައް ވިއްޔާހުރީ."

"އެގޮތަށް ބައްދަލުވީމަ އަދި ބޮޑަށް އެނގުނީ އޭނަގެ ހަމްބްލްކަން. ކިހާ ހިތްތިރި މީހެއްކަން އެއީ. އެންމެ ބޮޑު އަޖާއިބަކީ މީހުން އޭނާއާ ބެހޭ ގޮތުން ދައްކާ ރަނގަޅު ވާހަކަ އަމިއްލަ އަށް އިހްސާސްކޮށްލެވުން. އޭނާގެ ރަނގަޅުކަމާއި މީހުން ބަލައިގަންނަ ގޮތް."

"ކޮންމެހެން ފިލްމު ސްޓާރަކަށްވީމައެއް ނޫން އޭނާ އަށް ސަޕޯޓްކުރަނީ. ބުރަ މަސައްކަތްކޮށްގެން ކާމިޔާބުވެފައި ހުރި ނާމޫނާއަކަށް ވީމަ."

މި ހިތްގައިމު ވަގުތުކޮޅަށް ފަހު ޝާހުރުކްގެ ޓީމުން އަޝްރަފަށް ދިން ހަދިޔާ ވެސް ވަރަށް ހާއްސަ އެވެ. ޝާހުރުކްގެ އާ ފިލްމު "ފޭން" އާ ގުޅުވައިގެން އޭގެ ޕްރޮމޯޝަން ވީޑިއޯއެއްގައި ޝާހުރުކްގެ ސުޕަ ފޭނެއްގެ ގޮތުގައި އަޝްރަފް ފީޗާކޮށް މުޅި ދުނިޔެ އަށް އޭނާ ދައްކާލީ އެވެ. އޭނާ އަކީ ކިހާ ފެންވަރެއްގެ "ފޭނެއް" ކަން ދައްކާލީ އެވެ.

ތިރީގައި މި އޮތީ އެ ވީޑިއޯ އެވެ. އެންމެ ބޮޑު ހައިރާންކަމަކީ އެއޮތް ބޮޑު އިންޑިއާ އިން ޝާހުރުކަށް ނުލިބުނު "ފޭން" މި ކުޑަކުޑަ ރާއްޖެއިން ލިބުނީމަ އެވެ.

ނިކަން ބުރަ މަސައްކަތެއްގެ ނަތީޖާ!

އަޝްރަފްގެ ހަޔާތުގައި ޝާހުރުކް ނޫން ފިލްމީ ތަރިއެއްގެ ވާހަކަ ނެތެވެ. އޭނާ ނޫން އެހެން ސްޓާރަކަށް ސަޕޯޓެއް ނުކުރެ އެވެ. އޭނާގެ ފިލްމު ނޫން އެހެން ފިލްމެއް ނުވެސް ބަލަނީ އެވެ. އަދި ޝާހުރުކްގެ ނުބަލާ ފިލްމެއް ވެސް ނެތެވެ.

"ޝާހުރުކްގެ ފިލްމުތަކުގެ ތެރެއިން އެންމެ ރީތީ ދިލް ތޯ ޕާގަލް ހޭ އާއި ކަބީ ޚުޝީ ކަބީ ގަމް. ކަބީ ހުޝީ ވަރަށް ގިނައިން ބެލުނު. އޭރު އަޅުގަނޑު އުޅެނީ ރިސޯޓްގައި އާއިލާއާ ދުރުގައި. އެ ފިލްމަކީ އާއިލީ އަސަރުގަދަ ފިލްމެއް ވީމަ އެ ފިލްމު ބަލާފައި ވަރަށް ގިނައިން ރޮވިފައި ވެސް ހުންނާނެ،" މިހާރު މާލޭގެ ބޮޑު ހާޑުވެއާ ކުންފުންޏެއްގެ ޕީއާރް މެނޭޖަރަކަށް ހަރަކާތްތެރިވާ އަޝްރަފް ބުންޏެވެ.

"ފޭސްބުކުން އެންމެ ފުރަތަމަ ޕޭޖެއް ހަދާލީ ވާ ގޮތެއް ބަލައިލަން. ހޮބީއަކަށް ފެށި ކަމެއް މިއީ،" އެސްއާރްކޭ ޔުނިވާސް ފެށުނު ގޮތް ވެސް އޭނާ ކިޔާލަދިނެވެ.

"އަޅުގަނޑަކީ އެންމެ ކުރިން ވެސް ޝާހުރުކަށް ވަރަށް ސަޕޯޓްކުރާ މީހެއް. އެކަމަކު ސަޕޯޓްކުރަނީ ކޮންމެހެން މަޝްހޫރު އެކްޓަރަކަށްވީމައެއް ނޫން. އޭނާގެ ދިރިއުޅުމުގެ ބުރަ މަސައްކަތަށް އަޅުގަނޑު ޝައުގުވެރިވަނީ. އިންޑިއާ އަކީ އެތައް މިލިއަން ބައެއް ދިރިއުޅޭ ތަނަކަށްވާއިރު މަދު ބަޔަކު މިވަރުގެ މަޝްހޫރުކަމެއް ހޯދަނީ ކިހިނެއްތޯ އެއީ އަޅުގަނޑު ވަރަށް ޝައުގުވެރިވި ކަމަކަށްވީ."

މި ޝައުގުވެރިކަމެއްގެ ތެރެއިން އުފެދުނު ލޯތްބެއްގައި ޖެހިގޮސް އުފެއްދި ފޭން ޕޭޖަކީ ކުންފުންނެއް ފަދައިން ހިންގައިގެން ރެއާއި ދުވާލުގެ އެތައް ވަގުތެއް އެކަމަށް ހޭދަކޮށްގެން އަޝްރަފް ކާމިޔާބުކޮށްފައިވާ މަސައްކަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޝާހުރުކްގެ ފޭނުންގެ ތެރެއިން 50 މެމްބަރުންގެ ޓީމެއް އެންމެ ފުރަތަމަ މި "ޔުނިވާސް" ހިންގަން އެކުލަވައިލީ ވެސް ވަފާތެރި ފޭނުން ބަލައި އެތައް ދުވަހެއްގެ ދިރާސާތަކަށް ފަހު އެވެ.

"ޓީމަށް އެޕްލައިކުރާ މީހުންގެ ސީވީތައް ބަލާފައި އަޅުގަނޑު އެމީހުން މި ބަހާލަނީ އެމީހަކު އެންމެ ކުޅަދާނަ ފީލްޑަކަށް. ތިން މަސް ވަންދެން އެ މީހެއްގެ މަސައްކަތް މޮނީޓާކުރުމަށް ފަހު އެ މީހަކު މި ނަގަނީ،" އަޝްރަފް ބުންޏެވެ.

"އިރުއިރުކޮޅާ އެމީހުން ވަޓްސްއަޕްކޮށްލާފަ އަހާލާނެ ކޮބާ ބޮސް ކިހިނެއްހޭ ދެން ހަދަންވީ."

"ވަޒީފާ ނިންމާލާފައި ގެއަށް ގޮސް އިޝާ ނަމާދުކޮށް ނިމިގެން ދަރިއަށް ޓިއުޝަން ދީފައި ދެން ހުސްވާނީ އެސްއާރްކޭ ޔުނިވާސްގެ މަސައްކަތަށް. އެއީ ގާތްގަނޑަކަށް ރޭގަނޑު ނުވައެއް ޖަހާއިރު. ނުވަޔަކުން ރޭގަނޑު އެކެއް ޖަހަންދެން އޮންލައިން މީޓިންތައް ކުރިއަށް ދާނީ ޕްރޮމޯޝަންތަކާ ގުޅޭގޮތުން،" އަޝްރަފް ބުންޏެވެ.

"ކޮފީ އާއި ސިނގިރޭޓް ބޯން ބޭރަށް ދާ މީހެއް ނޫން އަޅުގަނޑަކީ. އޮފީހުން ގެއަށް. ގެއިން އޮފީހަށް. މި ފޭން ޕޭޖުތައް ހިންގުމަކީ ހަމަ ކުންފުންޏެއް ހިންގުން ކަހަލަ ކަމެއް. ވަރަށް މަޖާ ވެސް ކަމެއް މިއީ."

އެކަމަކު އަޝްރަފްގެ މި މަސައްކަތަކީ މަޖަލަކަށް ކުރާ ކަމެއް ނޫނެވެ.

މިއީ ރިޓަޔާމަންޓް ޕްލޭން!

"އޭރު ވެސް ބުނިން ދޯ އަޅުގަނޑުގެ ރިޓަޔާމަންޓް ޕްލޭނޭ މި ކުރަނީ. އަބަދަކު މަސައްކަތެއް ނުކުރެވޭނެއޭ މިހެން ގޮނޑީގައި އިނދެގެން. އަމިއްލަ ކަމެއް ކުރަން ޖެހޭނެ. އެކަމަކު ރާއްޖޭގައި މިކަހަލަ ކަމެއް ކުރަން ބަލާއިރު ދެ ލައްކަ ތިން ލައްކަ މީހުން އުޅޭތަނެއްގައި ކިހިނެތް ކަމެއް ކުރާނީ ވެސް،" އަޝްރަފްގެ އަމާޒަކީ ކޮބައިކަން އަނެއްކާވެސް ސާފުކޮށްލަދިނެވެ.

"އަނެއްކޮޅުން ސޯޝަލް މީޑިއާ ކެމްޕޭނޭ ބުންޏަސް މިވަނީ ކިހިނެތްކަމެއް ގިނަ ދިވެހިންނަކަށް ނޭނގޭ."

"އެކަމަކު އިންޑިއާގައި ވެއްޖެއްޔާ ބޮޑެތި ކުންފުނިތަކުން ވެސް ގުޅާ އަޅުގަނޑަށް މިހާރު. މިސާލަކަށް ޑިޝް ޓީވީ އިން މިއަދު ގުޅާފައި ބުނެފާނެ އެމީހުންގެ މިވެނި ކަމެއް ޓްރެންޑްކޮށްދޭށޭ ނުވަތަ ޕްރޮމޯޓްކޮށްދޭށޭ."

އަޝްރަފް އާއި އެސްއާރްކޭ ޔުނިވާސްގެ މަގްބޫލުކަން އިންޑިއާގައި ބޮޑުވެފައި އޮތް މިންވަރަކީ މިއީ އެވެ. އެހެންވީމަ ދެން ރިޓަޔާ ނުކުރަންވީ ސަބަބެއް ވެސް ނެތެއް ނޫން ހެއްޔެވެ!

"ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި ބޭނުންވޭ ވަޒީފާ އިން ރިޓަޔާކުރަން. އަބަދު މިހެން ގޮނޑީގައި އިނދެއިނދެ ބެކްބޯނަށް ވެސް ގެއްލުންވާނެ ހަގީގަތުގައި ވަރަށް ބޮޑަށް،" އަޝްރަފް ކިޔައިދިނެވެ.

"އިންޑިއާ އަށް ދިރިއުޅުން ބަދަލުކުރަން ވެސް ވަރަށް ވިސްނައިފިން. އެކަމަކު ދަރިފުޅު އަދި ބޭނުމެއް ނުވޭ އެކޮޅަށް ބަދަލުވާކަށް."

އިންޑިއާ އަށް ދިރިއުޅުން ބަދަލުކުރުމުގެ ނިންމުން އަދި ދުރުގައި އޮތް ނަމަވެސް ޝާހުރުކްގެ ފޭން ޕޭޖާ އެކު އަޝްރަފް ވަނީ މިހާރު އިންޑިއާގައި އޭނާގެ ވިޔަފާރިއެއް ވެސް އިންސްޓޯލްކޮށްފަ އެވެ. އެއީ ސޯސަލް މީޑިއާގެ ޕްރޮމޯޝަންތަކަށް ހާއްސަ ކުންފުންޏެކެވެ. ހުރިހާ ވެސް ޝުކުރެއް ތިން އަހަރު ކުރިން އޭނާ އުފެއްދި "އެސްއާރްކޭ ޔުނިވާސް" އަށެވެ.

ޝާހުރުކަށް އޭނާގެ ހިތުގައި އުފެދުނު ލޯބިން މިހާރު އެ ވަނީ ވިޔަފާރީގެ ހިޔާ ލިބޭ ނިކަން ފެހި ގަހެއް ފަޅައި ފޯދިފަ އެވެ.

އެއީ މިހާރު ބޮޑު ވިޔަފާރިއެއް، ޑިމާންޑް ވަރަށް ބޮޑު!

"އެސްއާރްކޭ ޔުނިވާސް" ގެ މަގްބޫލުކަން ބޮޑުވުމާ ގުޅިގެން އެ ފޭން ކްލަބަށް ޝާހުރުކްގެ ރަސްމީ ހައިސިއްޔަތު ދީފައިވާއިރު އަޝްރަފް އާއި ޝާހުރުކް މާކެޓިން ޓީމުން ވަނީ ކޮންޓްރެކްޓް ވެސް ހަދައިފަ އެވެ. މާނަ އަކީ ޝާހުރުކް އާއި އޭނާގެ ފިލްމުތަކުގެ ޕްރޮމޯޝަންތަކަށް އަޝްރަފްވާ ގުރުބާނީގެ އަގު ނިކަން ރަނގަޅަށް އެމީހުން ވަޒަންކުރާ ކަމެވެ.

ޝާހުރުކްގެ ޓީމާ ބައްދަލުކުރަން އަޝްރަފް މުމްބާއީ އަށް ގޮސްފި ނަމަ ވީއައިޕީއެއްގެ ދަރަޖަ ލިބެ އެވެ. އޭނާ ދާހާ ތަނަކަށް ގެންދަނީ ބޮޑީގާޑުންގެ ވެސް ބެލުމުގެ ދަށުގަ އެވެ.

އަޝްރަފް މި ވަނީ ޝާހުރުކަށް އެހާ ވެސް މުހިންމު މީހަކަށް ބަދަލުވެފަ އެވެ.

"ޝާހުރުކްގެ ސޯޝަލް މީޑިއާގެ ހުރިހާ ޕްރޮމޯޝަނެއްގައި އިސްކޮށް ހަރަކާތްތެރިވާނީ މި ފޭން ކްލަބުން. ޝާހުރުކް ޓީމުން ފުރަތަމަ ވެސް ގުޅާނީ އަޅުގަނޑުމެންނަށް. ދެން އެމީހުން ހޭޝްޓެގް ދޭ ގޮތަކަށް ކުރިއަށް ގެންދާނީ ކެމްޕޭންތައް،" އަޝްރަފް ބުންޏެވެ.

އެކަމަކު މިއަދު އޭނާ މިގޮތަށް ޕްރޮމޯޓްކޮށް ދެނީ ޝާހުރުކާއި އޭނާގެ ފިލްމުތައް އެކަންޏެއް ނޫނެވެ. ފާހަގަކޮށްލަން ޖެހެނީ ޝާހުރުކަށް އޭނާ ކޮށްދޭ ކަމެއް ކޮށްދެނީ ލޯބިންކަމެވެ.

"އިންޑިއާގެ އެހެން ޕްރޮޑަކްޝަންތަކުންނާއި އެހެން ކުންފުނިތަކުން ވެސް އެބަގުޅާ މިހާރު އަޅުގަނޑަށް. މި ސަބަބާ ގުޅިގެން އަޅުގަނޑު މިހާރު އިންޑިއާގައި ހުޅުވައިފިން ސޯޝަލް މީޑިއާ މާކެޓިން އޭޖެންސީއެއް ވެސް އިންޑިއާގައި. ހަދައިގެން ފުޅާ ދާއިރާއެއްގައި އެކަން ވެސް އެބަ ދޭ ކުރިއަށް މިހާރު،" އަޝްރަފް ބުންޏެވެ.

"މިހާރު ބީޖޭޕީގެ ސޯޝަލް މީޑިއާގެ މާކެޓިން ވެސް ކޮށްލަދެން އެބަ. އެމީހުންގެ މިނިސްޓަރަކު ޓްވިޓާ އަށް އަލަށް ޖޮއިންކުރާ ނަމަވެސް ބޭނުންވެދާނެ އޭނާގެ ވާހަކަ އެއްގަޑިއިރަށް އިންޑިއާގައި ޓްރެންޑްކޮށްލަން. ދެން ހަމަ ވަގުތުން ހޭޝްޓެގެއް ހިންގާލަންވީ."

އަޝްރަފް ބުނީ އޭނާގެ ޕްރޮމޯޝަންތައް ބޮލީވުޑުން ނުކުމެ އިންޑިއާ އަށް ފެތުރިފައިވާއިރު ދުބާއީގެ ކުންފުނިތަކުން ވެސް ޕްރޮމޯޝަންތަކުގައި އޭނާ އަށް މިހާރު ގުޅަމުން އަންނަ ކަމަށެވެ. އެހެންވީމަ މި ޑިމާންޑާ އެއްވަރުގެ ސަޕްލައިއެއް ދިނުމަށް އޭނާ ގެންގުޅޭ ސޯޝަލް މީޑިއާގެ އެކައުންޓްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.

"ޔުނިވާސްއޭ ކިޔާފައި އުޅޭ ނަމަ އެއީ މުޅިން ވެސް އަޅުގަނޑު ބްރޭންޑްތައް. ފޭސްބުކްގައި އެކަނި ވެސް އުޅޭނެ ގާތްގަނޑަކަށް 35 ވަރަކަށް ޕޭޖު. އެހުރިހާ ޕޭޖުތަކެއްގެ ލައިކްސްގެ ޖުމްލަ އަރާނެ 50 މިލިއަނަށް ވުރެ މައްޗަށް،" އަޝްރަފް ކިޔައިދިނެވެ.

"ސަލްމާން ޚާންގެ އެންމެ ވަރުގަދަ ޕޭޖު ވެސް އޮންނާނީ އަޅުގަނޑުގެ އަތުގައި. އާމިރު ޚާނުގެ ވެސް. މި ޕޭޖުތަކަކީ ކޮންމެހެން އެ ސްޓާރުންގެ ޕްރޮމޯޝަންތަކަށް ބޭނުންކުރާ ޕޭޖުތަކެއް ނޫން އަޅުގަނޑު. މިގޮތަށް ޕްރޮމޯޓްމިކޮށް ދެނީ ޝާހުރުކް އެކަނި. އެހެން ހުރިހައި ޕޭޖުތަކަކީ މަނީ މޭކްކުރާ ޕޭޖުތަކެއް."

"މިސާލަކަށް އިންޑިއާގެ މަޝްހޫރު ވެބްސައިޓްތަކުން ވެސް ބޭނުންވޭ އެމީހުންގެ އާޓިކަލް ވެސް މި ޕޭޖުތަކުގައި ޝެއާކޮށް ހިންގަން. ޝެއާކުރާ ކޮންމެ އާޓިކަލް އަކަށް 1000 ރުޕީސް ޕޭއިކުރާނެ އެފަދަ ނޫސްތަކުން،" އަޝްރަފް ބުންޏެވެ.

"އެހެންވީމަ ފޭސްބުކް ޕޭޖުތަކުން އެކަނި ވެސް މަހެއްގެ މައްޗަށް އެބަލިބޭ މިހާރު ރާއްޖޭގެ 30،000 ރުފިޔާ."

"މިހާރު އިންޑިއާގައި ނިކަން ބޮޑަށް މަޝްހޫރުވެގެން އުޅޭ ވެބްސައިޓެއް ކަމުގައިވާ އާސްމީ ބާޒާރު. އެމީހުން މިދިޔަ މަހު އެކަނި ވެސް އަޅުގަނޑަށް ޕޭއިކުރި 400،000 ރުޕީސް އެމީހުންގެ މާކެޓިން ޕްރޮމޯޝަނަށް."

"މިފަދަ ޓްރެންޑިން ކަންތަކުގައި ވިޔަފާރިކުރުމަށް އަޅުގަނޑުގެ ސޯޝަލް މީޑިއާ ޓީމުން ޓްވިޓާގައި އެކަނި ވެސް ގެންގުޅޭނެ 3000 އަށް ވުރެ ގިނަ ހެންޑްލް. އެހެންވީމަ މިކަންތައް މިހާރު މި ވަނީ ބޮލީވުޑުން ނުކުމެ އިންޑިއާ އިން ވެސް ނުކުމެފައި."

"މިހާރު އަޅުގަނޑަށް އެބަ ގުޅާ ދުބާއީގެ ކުންފުނިތަކުން ވެސް. ރާއްޖޭގެ ބައެއް ކުންފުނިތަކަށް ވެސް ހުންނާނެ މާކެޓްކޮށްދީފައި."

ފިރިހެން ސުނީތާއޭ ގޮވިޔަސް މިހާރު ވަރިހަމަ!

ސަބަބަކީ އަޝްރަފަށް އަޝްރަފްގެ މަގުސަދާއި އަމާޒު އޮޅިފައި ނުވާތީ އެވެ. އަޝްރަފް ބުނީ އޭނާ ޝާހުރުކަށް ސަޕޯޓްކުރިޔަސް ސޯޝަލް މީޑިއާގައި މި ކެމްޕޭން ވަރުގަދަކުރުމުގެ ހަގީގީ ބޭނުމަކީ ވިޔަފާރިއެއް ފައްކާކުރުން ކަމަށެވެ.

"މިހާ ދުވަހު މިގޮތަށް މަސައްކަތްކުރުމުގެ ބޭނުމަކީ ވެސް މިކަން ވިޔަފާރިއަކަށް ހެދުން،" އަޝްރަފް ބުންޏެވެ.

"ދިވެހިން ކޮންމެ އެއްޗެއްކިޔަސް މިހާރު އަޅައެއް ނުލަން."

"މީހުން އަސްލު ގަބޫލެއް ވެސް ނުކުރޭ އެންމެ ފުރަތަމަ. އެކަމަކު މިހާރު ފޮޓޯއިން ފެނުނީމަ ގަބޫލުކުރަންތާ ޖެހޭނީ. އަދިވެސް ބައެއް މީހުން އަޅުގަނޑާ ދިމާކުރޭ ފިރިހެން ސުނީތާއޭ ކިޔާފައި. އެކަމަކު މިހާރަކު އަޅުގަނޑެއް އެކަހަލަ މީހުން ކިޔާ އެއްޗަކަށް އަޅައެއް ނުލަން."

"ވާގޮތަކީ އެގޮތަށް ފާޑުކިޔާ މީހުންނަށް ވުރެ ބޮޑު ސަމާލުކަމެއް ދޭން އެބަޖެހޭ މިކަހަލަ ފޭން ކްލަބްތައް ހިންގާ މީހުންނަށް. އަޅުގަނޑުމެންގެ މި ޔުނިވާސް ޕޭޖުގެ މަގްބޫލުކަން ބޮޑުވެގެން ޝާހުރުކްގެ އިތުރު އެތައް ފޭސް ޕޭޖުތައް މިހާރު އިންޑިއާގައި ގަދަކުރަމުން އެބަދޭ. އެހެންވީމަ ވަރަށް ވާދަވެރިކޮށް މިކަން މި ދަނީ."

އަޝްރަފް ބުނީ ފާޑުކިޔާއިރު އެންމެ ދެރަވަނީ ދީނީ ގޮތުން ވެސް ގުޅުވައިގެން އެއްޗެހި ކިޔާތީ ކަމަށެވެ.

"ފާޑުކިޔުންތަކަށ ބަލާއިރު އެންމެ ދަރަވަނީ ދީނީ ގޮތުން ވެސް ބައެއް މީހުން މިކަމަށް ފާޑުކިޔާތީ. އެކަމަކު ހަގީގަތަކީ އަޅުގަނޑަކީ އެފަދަ ނުބައި ކަމަކަށް ހިތްވަރުދޭ މީހެއް ނޫން،" ތިން ފަހަރެއްގެ މަތިން އުމްރާ އަށް ގޮސް މިހާރު ހައްޖަށް ދިއުމަށް ފައިސާ އެއްކުރަމުން އަންނަ އަޝްރަފް ބުންޏެވެ.

އެކަމަކު އެނގޭ ހެއްޔެވެ! ހައްޖަށް ދާން އެއްކުރަނީ މި ކެމްޕޭންތަކުން ލިބޭ ފައިސާއެއް ނޫނެވެ.

ކެމްޕޭންގެ ފައިސާ ފަލަސްތީނަށް، ސީރިއާ އަށް

ޝާހުރުކް ފޭނަކަށްވެ ހުރެ އަޝްރަފް ކުރަމުން އަންނަ މަސައްކަތުގެ އަގު ދިވެހިންގެ ތެރެއިން ބަޔަކު ވަޒަންކުރާނެ ހިސާބަކީ މިއީކަން ޔަގީނެވެ. ދިވެހިންނަކީ އާންމުކޮށް ފަލަސްތީން ނުވަތަ ސީރިއާ ފަދަ ގައުމެއްގައި ހާލުގައިޖެހިފައިވާ ދިވެހިންގެ ވާހަކައެއް ދައްކާލާއިރަށް ޖަޒުބާތުގައި ޖެހޭ މީހުންނެވެ.

އެހެންވީމަ އެނގޭ ހެއްޔެވެ؟ އަޝްރަފް އާއި އޭނާގެ އެސްއާރްކޭ ޔުނިވާސްގެ ޓީމުން ސޯޝަލް މީޑިއާގައި ހިންގާ ޕްރޮމޯޝަން ކެމްޕޭންތަކުން ލިބޭ ހުރިހާ ފައިސާއެއްހެން ހޭދަކުރަނީ ޗެރިޓީތަކަށެވެ. އެގޮތުން ފަލަސްތީނާއި ސީރިއާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދީފައިވާއިރު އިންޑިއާގެ މުސްލިމު ޔަތީމުހާނާތަކަށް ވެސް އެހީ ފޯރުކޮށްދެ އެވެ.

"އިންޑިއާގެ މުސްލިމު ފަގީރު ކުދިން ތިބޭ ޔަތީމުހާނާ އަކަށް މިހާރު ވެސް ކޮންމެ މަހަކު އަޅުގަނޑުމެންގެ ޓީމުން ހަނޑުލާއި ފުށް އަދި ފޮތް ވެސް ހަދިޔާކުރާނެ،" އަޝްރަފް ބުންޏެވެ.

"ބޮލީވުޑް އެކްޓަރު ނާނާ ޕަޓޭކަރު ހިންގާ އެންޖީއޯއަކަށް އަޅުގަނޑުގެ ޕޭޖުން ވާނެ އެއް ލައްކަ ރުޕީސް ވެސް ހަދިޔާކޮށްފައި. އަސްލު މިފަދަ އެހީތަކުގެ ވާހަކަ ދެއްކުމަކީ ވެސް އެހާ ރަނގަޅު ކަމެއް ނޫން."

"އެކަމަކު މީހުންނަށް އަންގަން ބޭނުންވާ ކަމަކީ މިއީއޭ މި ސޯޝަލް މީޑިއާ ކެމްޕޭންތަކުން ލިބޭ ފައިސާ އަޅުގަނޑު ހޭދަކުރަމުންދާ ގޮތަކީ. ހަގީގަގަތުގައި މިގޮތަށް ލިބޭ ހުރިހާ ލާރިއެއް އަމިއްލަ އަށް ބޭނުންނުކޮށް މި ހޭދަކުރަނީ ޗެރިޓީތަކަށް. ވަރަށް ބޮޑަށް އިންޑިއާގެ ޗެރިޓީތަކަށް. އޭގެ އިތުރުން ފަލަސްތީނާއި ސީރިއާގައި ހާލުގައި ދިރިއުޅޭ މީހުންނަށް ވެސް އަޅުގަނޑުގެ ފޭން ކްލަބުން މިހާތަނަށް ވެސް އެހީ ފޯރުކޮށްދީފައިވާނެ."