ފިނިޕޭޖް

ޖޮނީ ޑެޕްގެ ކުރެހުންތަކަށް ބޮޑު ތަރުހީބެއް

އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޖޮނީ ޑެޕްގެ ކުރެހުންތަކަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

އުމުރުން 59 އަހަރުގެ ޖޮނީ ޑެޕް ލަންޑަންގެ ކާސަލް ފައިން އާޓްގެ 37 ގެލެރީ މެދުވެރިކޮށް "ފްރެންޑް އެންޑް ހީރޯޒް" ކަލެކްޝަންގެ ދެވަނަ ރައުންޑްގެ ކުރެހުންތައް ފެބްރުއަރީ މަހުގެ ފަހުކޮޅު ނެރެފައިވެ އެވެ.

މިފަހަރުގެ ކުރެހުންތަކުގައި ހިމަނާފައިވަނީ ރެގޭ ލަވަކިޔުންތެރިޔާ ބޮބް މާލީ، ޖާނަލިސްޓް ހަންޓާ އެސް. ތޮމްސަން، އެކްޓަރުން ކަމުގައިވާ ހީތް ލެޖާ އާއި ރިވާ ފީނިކްސް އެވެ.

ކޮންމެ ކުރެހުމެއް ވަކި ވަކިން 3750 ޕައުންޑަށް ވިއްކި މި ކުރެހުންތައް ހަތަރު ފަސް ދުވަސް ތެރޭ ވިކި ހުސްވެފައިވާއިރު، މީގެން މިހާރު ލިބެން ހުރީ މި ކުރެހުންތަކުގެ ސެޓް އެއްކޮށް 14583 ޕައުންޑަށެވެ.

ޖޮނީ ބުނި ގޮތުގައި އޭނާ ކުރަހަނީ އެ ފަންނާނެއްގެ ހުނަރާއި ދިރިއުޅުމުން އެހެން މީހުންނަށް ހިތްވަރެއް ލިބިފައިވާ އެކްޓަރުންނާއި މިއުޒިޝަނުން ބަލައިގެން ކަމަށެވެ.

މިދިޔަ ޖުލައި މަހު "ފްރެންޑް އެންޑް ހީރޯޒް"ގެ ފުރަތަމަ ކުރެހުންތައް ނެރުނެވެ. އެ ކުރެހުންތައް ވިއްކާ ކަމަށް ޖޮނީގެ އިންސްތަގްރާމް އެކައުންޓްގައި ޖެހިތަނާހެން، ކާސަލް ފައިން އާޓްގެ ވެބްސައިޓަށް އެ ކުރެހުންތައް ގަތުމަށް ޓްރެފިކް ގިނަވެ، އެ ސައިޓް ކްރޭޝްވެފައިވެ އެވެ.

ޖޮނީގެ "ފްރެންޑް އެންޑް ހީރޯޒް" ނަން ދީފައިވާ ޕޮޕް އާޓް އާއި ސްޓްރީޓް އާޓް އެއްކޮށްލާފައިވާ ސްޓައިލަކަށް ކުރަހާފައިވާ މި ކުރެހުންތަކުގެ ފުރަތަމަ ރައުންޑްގައި ހިމެނުނީ ރޯލިން ސްޓޯންސްގެ ގިޓަރިސްޓް ކީތް ރިޗާޑްސް، ލަވަކިޔުންތެރިޔާ ބޮބް ޑިލަން، އެކްޓްރެސް އެލިޒަބަތް ޓޭލާ އަދި އެކްޓާ އަލް ޕަޗީނޯ ހިމެނެ އެވެ.

މި ކޮންމެ ޕްރިންޓެއްގެ އަގަކީ 3950 ޕައުންޑެވެ. އަދި ހަތަރު ޕްރިންޓް ސެޓެއްގެ ގޮތުގައި ވިއްކި އަގަކީ 14950 ޕައުންޑެވެ. އަދި ޖޮނީގެ ކުރެހުންތަކުގެ 780 ޕްރިންޓް ރިލީޒްކުރިތާ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ޕްރިންޓެއް ވަނީ ވިކިފަ އެވެ. އެ ޕްރިންޓްތަކަށް މުޅިއަކު 3 މިލިއަން ޕައުންޑް (3.6 މިލިއަން ޑޮލަރު) ވަނީ ލިބިފަ އެވެ.