ދުނިޔެ

ޔޫރަޕުން ހަތިޔާރު ހުސްވަންދެން ޔުކްރޭނަށް ހަތިޔާރު ދިނުމަކީ އުފަލެއް: ބޮރެލް

ޔޫރަޕްގެ ހަތިޔާރު ގުދަންތައް އަޑިއަޅާލުން މައްސަލައަކަށް ނުހަދައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން އުފަލަކަށް ހަދަންޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

ބޮރެލް ވިދާޅުވި ގޮތުގައި ޔޫރަޕްގެ އެއްވެސް ގައުމަކުން، ދުނިޔޭގެ އެއްވެސް ގައުމަކާ މިވަގުތު ހަނގުރާމަ ނުކުރާ ކަމަށެވެ. އެހެންކަމުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭން ޖެހުން މައްސަލައަކަށް ނުހެދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ޔޫރަޕްގެ ހަތިޔާރު ގުދަންތައް ހުސްކޮށްލުމަކުން ޔޫރަޕަށް ދިމާވާނެ ނުރައްކަލެއް އަންދާޒާކުރެވިފައި ނެތް ކަމަށްވެސް ބޮރެލް ވިދާޅުވި އެވެ.

"އުފަލަކަށް ހަދަންވީ ޔުކްރޭންގެ ހަތިޔާރު ގުދަންތައް ފުރާލުން" ބޮރެލް ވިދާޅުވި އެވެ.

ޔޫރަޕްގެ ގުދަންތަކުގައި ހުރި ހަތިޔާރު ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ޔުކްރޭނަށްް ފޯކޮށްދިނުމަށް ފަހު، އާ ހަތިޔާރު އުފައްދަން ފަށަންވީ ކަމަށްވެސް ބޮރެލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕްގެ ގިނަ ގައުމުތަކަކީ ހަތިޔާރު އުފެއްދޭ ފެންވަރުގެ ގައުމުތައް ކަމަށާއި ލިޔެކިޔުންތައް އަވަސްކޮށް ކާރުޚާނާތަކުގެ މަސައްކަތްތައް ވެސް އަވަސްކުރަންވީ ކަމަށެެވެ.

ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން އަވަސްކުރުމަށް ގޮވާލެވޭ އަޑުގަދަވަމުން އަންނައިރު، އެމެރިކާ އާއި ޔޫރަޕްގެ ގައުމުއް ކޮޅުންލާން ފަށާފައިވާ ކަމަށް ވެސް ބުނެވެ އެވެ.

ޔޫރަޕް ގައުމުތަކުގެ ވިސްނުމަކީ މި ވަގުތަށް ސަޕްލައިކުރެވެން ހުރި ވަރަކަށް ޔުކްރޭނަށް ހަތިޔާރު ސަޕްލައިކުރުމަށް ފަހު މަޑުޖައްސާލުން ކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ޔުކްރޭނަށް ތާއަބަދު އެހީވުމުގައި އެމެރިކާއަށް އަދި ޔޫރަޕަށް ވެސް ނޯވެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރަޝިއާ އާއެކު ޑީލެއް ހަދައިގެން ނަމަވެސް ޔުކްރޭން ހަނގުރާމަ ނިންމުން ނޫން ގޮތެއް ނެތްކަން ހުޅަނގަށް -- ވަރަށް އަވަހަށް އެނގޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.