ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނުގެ ބަޔާން މިއުނިކާއި އިޓަލީގެ އޭސީ މިލާން ފުރުސަތު ހޯދައިފި އެވެ.
ބަޔާން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެ ލެގުގެ އެގްރިގޭޓުން 0-3 އިން ޕީއެސްޖީ ބަލިކޮށްގެންނެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 1-0 އިންނެވެ. އަދި، ރޭ ކުޅުނު ދެވަނަ ލެގްގެ މެޗު ބަޔާން މިއުނިކް ވަނީ 0-2 އިން ކާމިޔާބުކޮށްފަ އެވެ.
ނޭމާ އަނިޔާގައި ހުރުމުން ރޭ ޕީއެސްޖީގެ ކުރި ބެލެހެއްޓީ ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ އެވެ. މެޗުގައި ބަޔާންގެ ފުރަތަމަ ގޯލު 61 ވަނަ މިނެޓުގައި ޖެހީ ލިއޮން ގޮރެޓްޒްކާގެ އެހީގައި ކެމެރޫންގެ ފޯވާޑް އެރިކް މެކްސިމް ޗުޕޮ މޯޓިން އެވެ. ބަޔާން އަށް ލީޑު ފުޅާކޮށްދިން ގޯލު 89 ވަނަ މިނެޓުގައި ޖެހީ ސާޖް ގްނަބްރީ އެވެ. މިއީ ބެންޗުން ކުޅެން އެރި ޔާއޯ ކަންސޭލޯގެ އެހީގައި ގްނަބްރީ ޖެހި ލަނޑެކެވެ.
އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ހަތް މުބާރާތުގެ ތެރެއިން ފަސް ފަހަރު ޕީއެސްޖީ ވަނީ ގަދަ 16 އިން ކަޓައިފަ އެވެ. މިދިޔަ މުއްދަތުގައި އެޓީމުން އެއްފަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެ ބަޔާން އަތުން ބަލިވި އެވެ. ޗެމްޕިއަންސް ލީގުން އަނެއްކާ ކެޓުމާ އެކު އެޓީމު ކޯޗު ކްރިސްޓޯފް ގެލްޓިއޭ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
އޭސީ މިލާން 11 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރުކުރީ 1-0 ގެ އެގްރިގޭޓުން ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށްގެންނެވެ. ފުރަތަމަ ލެގްގެ މެޗުން އަމިއްލަ ދަނޑުގައި ބަޔާން 0-1 އިން މޮޅުވިއިރު ރޭ ޓޮޓެންހަމް ދަނޑުގައި އެޓީމު ވަނީ 0-0 އިން އެއްވަރުކޮށްފަ އެވެ.
މިލާން އަތުން ބަލިވެ މި ސީޒަނުގެ ހުރިހާ މުބާރާތަކުން ޓޮޓެންހަމް މިހާރު ވަނީ ކަޓައިފަ އެވެ. ލީގުގައި އެޓީމު މިހާރު ވާދަކުރަމުން އަންނަނީ ގަދަ ހަތަރަކަށެވެ.
ބަޔާން މިއުނިކާއި މިލާންގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މިހާތަނަށް ޖާގަ ހޯދާފައިވަނީ ބެންފީކާ އާއި ޗެލްސީ އެވެ.