ފިނިޕޭޖް

"ކްރީޑް 111" ލަފާކުރި ގޮތާ ހިލާފަށް މާކާމިޔާބު

މައިކަލް ބީ. ޖޯޑަންގެ ބޮކްސިންގ-ސްޕޯޓްސް ޑްރާމާ "ކްރީޑް 111" ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބުކަމާ އެކު ހިނގަމުން އެބަދެ އެވެ.

އެނަލިސްޓުން ލަފާކުރާ ގޮތުގައި މި ފިލްމަށް އެމެރިކާގެ ބޮކްސް އޮފީހުން 30 މިލިއަން ޑޮލަރު ލިބޭނޭ ކަމަށް އަންދާޒާކޮށްފައި ވަނިކޮށް، މި ފިލްމު އެޅުވި ފުރަތަމަ ދުވަހު އެކަނިވެސް 22 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ފުރަތަމަ ހަފްތާ ބަންދުގައި ގާތްގަނޑަކަށް 59 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ. އަދި މުޅި ދުނިޔޭގެ ބޮކްސް އޮފީހާ އެއްކޮށް 110.9 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ.

މި ފިލްމަކީ ސިލްވެސްޓާ ސްޓެލޯންގެ "ރޮކީ"ގެ ސްޕިން-އޮފް އެކެވެ. އަދި އެ ފްރެންޗައިޒްގެ ނުވަވަނަ ފިލްމެވެ. މިއީ މި ފިލްމުގެ ތަރި މައިކަލް ބީ. ޖޯޑަން ފުރަތަމަ ފަރަހަށް ޑައިރެކްޓް ކުރި ފިލްމެވެ.

"ކްރީޑް"ގެ ތިން ފިލްމަކީ އެޑޮނިސް "ޑޮނީ" ކްރީޑްގެ ވާހަކަ އެވެ. ފުރަތަމަ ފިލްމުގައި ފެންނަނީ އޭނާ ބޮޑުވެ، ބައްޕަ ފަދަ ބޮކްސިން ލައިޓް ހެވީވެއިޓް ޗެމްޕިއަނަކަށް ވުމަށް ރޮކީ ބަލްބޯއާގެ ކައިރިން ޓްރޭނިން ހޯދައި، ޗެމްޕިއަން ރިކީ ކޮންލަންއާ ވާދަކުރާ ތަނެވެ. އެ މެޗުން މޮޅު ނުވިނަމަވެސް، ކްރީޑްގެ މޮޅު ހުނަރަށް އެންމެންގެ ލޯތްބާއި ތައުރީފް ލިބެ އެވެ.

މި ފިލްމަކީ "ބްލެކް ޕެންތާ"ގެ ޑައިރެކްޓަރު ރަޔާން ކޫގްލާ ޑައިރެކްޓް ކުރި ފިލްމެކެވެ.

ސްޓީވަން ކެޕްލް ޖޫނިއާ ޑައިރެކްޓް ކުރި "ކްރީޑް 11" ގައި ފެންނަނީ ކްރީޑް، އޭނާގެ ޓްރޭނާ ރޮކީއާ އެކު ޗެމްޕިއަންޝިޕްތައް ހޯދަމުންދާ ތަނެވެ. ކްރީޑްގެ ބައްޕަ އެޕޯލޯ މަރާލި (އަދި ރޮކީ އަތުން ދަށްވި) އައިވަން ޑްރާގޯ އަށް ކްރީޑްގެ ހުނަރުގެ ހަބަރު ލިބުމުން، އޭނާގެ ދަރިފުޅު ވިކްޓާ ކްރީޑްއާ ވާދަކުރުވަ އެވެ.

އަދި "ކްރީޑް 111" ގައި ދައްކަނީ ކްރީޑްގެ އަންހެނުން ފަދައިން ދަރިފުޅު އަމާރާ އަޑުއެހުމުން މަހްރޫމްވުމުން، ބޮކްސިން އިން ރިޓަޔާކޮށް، ބޮކްސިން އެކަޑަމީއެއް ހިންގާ ތަނެވެ. ކްރީޑް ފުރާވަރުގައި އެކުގައި އުޅުނު ރައްޓެއްސެއް ކަމަށްވާ ޑޭމް، ޖަލުން ނިކުމެ ކްރީޑްއާ ބައްދަލުކުރެ އެވެ. ދެން ފެނިގެންދާނީ ކްރީޑްގެ މާޒީގެ ކަންތައްތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތެވެ.

މި ފިލްމްތަކުގައި ކްރީޑްގެ ރޯލް އަދާކުރަނީ މައިކަލް ބީ. ޖޯޑަން އެވެ. އަދި ރޮކީގެ ރޯލް އަދާކުރީ ސިލްވެސްޓާ ސްޓޭލޯން އެވެ. "ކްރީޑް 111" ގައި ޑޭމްގެ ރޯލް އަދާކުރީ ޖޮނަތަން މޭޖާސް އެވެ. މީގެ އިތުރުން މި ފިލްމްތަކުގައި ޓެއްސާ ތޮމްސަން އާއި ފިލީޝިއާ ރަޝާދު އާއި ވުޑް ހެރިސް ހިމެނެ އެވެ.