މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ހައްޖު ކޯޓާތަކެއް ހާއްސަކުރަނީ

Mar 9, 2023

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން އެ ކުންފުންޏަށް ހަމަޖައްސައިދޭ ކޯޓާގެ ތެރެއިން ފަސް ޕަސަންޓް ހާއްސަ ކުރާނީ މީގެކުރިން ދުވަހަކުވެސް ހައްޖަށް ގޮސްފައި ނުވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 1،000 މީހުންގެ ހައްޖު ކޯޓާ އެވެ. ސަރުކާރުން ގެންދަނީ މިއަދަދު 2،500 ރުފިޔާ އަށް އިތުރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ މިއަހަރު އެ ކުންފުންޏަށް ލިބޭ ކޯޓާގެ ތެރެއިން ފަސް ޕަސަންޓް ކޯޓާ ހާއްސަކުރާނީ އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ މީހުންގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން، ފަރުޟު ހައްޖު އަދާކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

މިގޮތުން މިއަދުގެ ނިޔަލަށް އެ ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން، ފަރުޟު ހައްޖު އަދާކޮށްފައި ނުވާ މީހުން އެކަމަށް އެދި ހުށަހެޅުމަށްވެސް ހައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ހާއްސަ ކުރާ ކޯޓާ އަށް ހުށަހެޅޭނީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެ އެވެ.