ސައުދީ އަރަބިއްޔާ އާއި އީރާންއާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކޮށް އެމްބަސީތައް ހުޅުވަން އެއްބަސްވެއްޖެ އެވެ.
ކަނިކެނޑިފައި އޮތް މި ދެ ގައުމު އެއްގަލަކަށް އަރައި ގުޅުން ބަދަހިކުރަން މި އެއްބަސްވީ ޒަމާންތަކަކަށް ދިގުދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު އެވެ.
ސައޫދީ އާއި އީރާނާ ދެމެދު އެންމެ ފަހުން ކުރެވުނު މަޝްވަރާތައް އޮތީ ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ. ގުޅުން ބަދަހިކުރަން ދެ ގައުމުން ހުށަހެޅި މާއްދާތަކަށް އެއްބަސްވެވުނީ ވެސް މި ބައްދަލުވުމުގަ އެވެ.
އީރާނާއި ސައޫދީ ސުލްހަކުރުމަށް އީރާގުން ވެސް ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. މަޝްވަރާތައް ފުރަތަމަ ފެށުނީ ވެސް ބަޣުދާދުގަ އެވެ. މި މަޝްވަރާތަކުގައި އީރާންގެ ފަރާތުން ސަފީރެއްގެ ރޯލު އަދާކުރެއްވީ އަލީ ޝަމްޚާނީ އެވެ.
އަލީ ޝަމްޚާނީ އީރާންގެ ރޭޑިއޯއަށް ވިދާޅުވި ގޮތުގައި ބީޖިންގައި ކުރެވުނު މަޝްވަރާތަކުން ކުރިއެރުން ލިބެން ފެށުމުން ގިނަ ބައްދަލުވުންތައް ބޭއްވީ ވެސް ޗައިނާގަ އެވެ. ސައޫދީ އާއި އިރާން އަދި މެދުވެރިންގެ ގޮތުގައި މަސައްކަތްކުރެއްވި ޗައިނާ އޮފިޝަލުން ވެސް ބައްދަލުވުންތަކުގައި ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނާއި ސައޫދީއާ ދެމެދު ގުޅުން ހީނަރުވެ ސިޔާސީ ގޮތުން އެއްބާރުލުން މެދުކަނޑާލީ ޖެނުއަރީ 2016 ގައެވެ. އެއީ ތެހެރާންގައި ހުރި ސައޫދީގެ އެމްބަސީގައި އީރާންގެ ޝީއީ ގުރޫޕްތަކުން ހުޅުޖެހުމާ ގުޅިގެންނެވެ. މި ހާދިސާގައި ސައޫދީގެ އޮފިޝަލުންނަށް ބޮޑެތި އަނިޔާ ވަނީ ލިބިފަ އެވެ.
ސައޫދީ ދެކެ ޝީއީ ގުރޫޕްތަކުން ރުޅިއަރައިގަތީ ޝީއީންގެ ދަންނަބޭކަލެއްކަމަށް ބުނާ ނިމްރު އަލް ނިމްރު މަރަން ހުކުމްކޮށް ސައޫދީން އަދަބު ތަންފީޒުކުރުމުންނެވެ.
ޗައިނާގައި ސުލްހައިގެ ވާހަކަތައް ފެށި ބަލަހައްޓައިގެން ތިއްބައި އެއްބަސްވުމަކާ ހަމައަށް އާދެވުނީ މިދާކަށް ދުވަހު އީރާންގެ ރައީސް، އިބްރާހީމް ރައީސީ ޗައިނާއަށް ކުރެއްވި ދަތުރަށް ފަހު އެވެ.
އީރާން އާއި ޗައިނާއާ ދެމެދު ދެކެވުނު ވާހަކަތަކުގެ ތަފުސީލް މީޑިއާއަށް އާންމުވެފައި ނެތް ނަމަވެސް، އީރާން ހައްދާލުމުގައި ޗައިނާ މުހިންމު ދައުރެއް އަދާކުރީ ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން އެއްބަސްވުމުގެ ނުކުތާތަކަށް ބޮޑާހޭކުމުގެ ގޮތްގަނޑު އެންމެ ބޮޑަށް ގެންގުޅުނީ ވެސް އީރާނުންނެވެ.
ސައޫދީ އާއި އީރާން ސިޔާސީ ގޮތުން އެއްބާރުލުން ގާއިމުކޮށް ދުނިޔެވީ ބޭނުންތަކުގައި ދެގައުމުގެ ގުޅުން ދެމެހެއްޓުަމަކީ ގަލްފަށް ވެސް އެންމެ ރަނގަޅު ގޮތެވެ. މި ސުލްހައިގެ ތެރެއިން ޔަމަނަށް ވެސް ރަނގަޅު ގޮތެއް ވުމަކީ އޮތް ފުރުސަތެކެވެ.