ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އީރާންގެ ކޮންސިއުލާ އޮފީހާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގައި އީރާން ތަމްސީލުކުރާ އޮފީސް ހޯމަ ދުވަހު ހުޅުވައިފި އެވެ.
ސައޫދީގެ ވެެރިރަށް ރިޔާޒްގައި ހުންނަ އީރާން އެމްބަސީވެސް މިހާރު ވަނީ ހުޅުވާފަ އެވެ.
ސައޫދީ އަރަބިއްޔާގައި ހުންނަ އީރާންގެ ޑިޕްލޮމެޓިކް އޮފީސްތައް އަޅުން މިހުޅުވީ ބަންދުކޮށްފައި ހުންނަތާ ހަތް އަހަރު ފަހުންނެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ވިދާޅުވި ގޮތުގައި ޑިޕްލޮމެޓިކް އޮފީސްތަކުގެ މަސައްކަތައް ހޯމަ ދުވަހުން ފެށިގެން ކުރިއަށް ދާނެ އެވެ. އަދި ސައޫދީގައި ދިރިއުޅޭ އަދި ވިޔަފާރި ކުރުމަށް ގޮސް އުޅޭ މީނުންނަށް ޚިދުމަތް ލިބޭނެ އެވެ.
އީރާންގައި ހުރި ސައޫދީ އެމްބަސީ އާއި ޑިޕްލޮމެޓިކް އޮފީސްތައް އަދި ނުހުޅުވަ އެވެ. އެހެންނަމަވެސް މި އޮފީސްތައް ހުޅުވުމަށާއި ސައުދީން ބޭނުންވާ ފެންވަރުގައި ސަލާމަތީ ފިޔަވަޅުތައް ދެމެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާތައް އަދިވެސް ދަނީ ކުރިއަށެވެ.
ސައުދީ އާއި އީރާންއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކުރަން އެއްބަސް ވެވުނީ ދުވަސްތަކަކަށް ދިގުދެމިގެން ދިޔަ މަޝްވަރާތަކަށްފަހު އެވެ.
އީރާގުގެ ވެރިރަށް ބަޣްދާދުގައި ފެށި މަޝްވަރާތައް ކޮޅެއްގައި ޖައްސައި ސޮއިކުރާ ހިސާބަށް ދެވުނީ ޗައިނާ މެދުވެރިކޮށް ކުރެވުނު މަޝްވަރާތަކަށް ފަހު ފާއިތުވި މާޗުގަ އެވެ.
ސައޫދީ އާއި އީރާންއާ ދެމެދުވި އެއްބަސްވުމުގެ ދަށުން ވިޔަފާރި އާއި ދަތުރުފަތުރު ކުރުން އަދި ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން އެއްބާރުލާނެ އެވެ.
އީރާނާއި ސައޫދީ ސިޔާސީ ގުޅުން ކަނޑާލީ ޖެނުއަރީ 2016 ގައެވެ. އެއީ އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަ ސައޫދީގެ އެމްބަސީގައި އީރާންގެ ޝީއީ ގުރޫޕްތަކުން ހުޅުޖެހުމާ ގުޅިގެންނެވެ.
މި ހާދިސާގައި ސައޫދީގެ އޮފިޝަލުންނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ސައޫދީ ދެކެ ޝީއީ ގުރޫޕްތަކުން ރުޅިއަރައިގަތް ސަބަބަކީ ޝީއީންގެ ދަންނަ ބޭކަލެއް ކަމަށް ބުނާ ނިމްރު އަލް ނިމްރު މެރުމަށް ސައޫދީ ކޯޓުން ހުކުމްކުރުމަށް ފަހު އެ ހުކުމް ތަންފީޒު ކުރުމުންނެވެ.
ނިމްރު އަލް ނިމްރު މަރަން ހުކުމްކުރީ ސައޫދީގައި ފިތުނަ އުފައްދައި ބައިބައިކުރަން ގޮވާލައި އެއްވުންތައް ބާއްވަން ފެށުމުން އިދާރާތަކުން ތަކުރާރުކޮށް ދިން ނަސޭހަތް ގަބޫލު ނުކުރުމުންނެވެ.