ސައޫދީ އަރަބިއްޔާ އާއީ އީރާން -- ޗައިނާގައި ކުރި މަޝްވަރާތަކަށް ފަހު ވަނީ ސުލްހަވާން އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެމްބަސީތައް ހުޅުވަން ވެސް އޮތީ އެއްބަސްވެފަ އެވެ.
އެމްބަސީތައް ހުޅުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ. ތައްޔާރީތަކުގެ އެންމެ މުހިންމު އައިޓަމަކީ ދެ ގައުމުގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބައްޓަންކުރައްވާނެ އުސޫލްތަކެއް ކަނޑައެޅުމެވެ.
ސައުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އާއި އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން ފޯނުން މަޝްވަރާކުރެއްވި ކަމަށް ސައޫދީގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ. އެއީ ބައްދަލުވުން ބާއްވާނެ ތަނަކާއި ތާރީޚެއް ކަނޑައެޅުމަށެވެ.
ސައޫދީ އާއީ އީރާން ސުލްހަވުމަށް އެއްބަސްވީ -- ސައޫދީގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ޚިލާފު އުފެދިފައި ހުރި ހުރިހާ ކަމަކަށް ހައްލު ލިބިގެނެއް ނޫނެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާގެ މަގުން ކުރިއަށް ދެވޭތޯ މަސައްކަތްކުރައްވާނީ ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
އީރާނާއި ސައޫދީ މަސަލަސްކުރުމަށް އީރާގުން ވެސް ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. މަޝްވަރާތައް ފުރަތަމަ ފެށުނީ ވެސް އީރާގުގެ ވެރިރަށް ބަޣުދާދުގަ އެވެ. މި ބައްދަލުވުންތައް ފެށިގެން ދިޔައިރު -- ކަން ހިނގައި ދިޔަ ގޮތް ވަނީ މީޑިއާއަށް ސިއްރުކޮށްފަ އެވެ.
އީރާނާއި ސައޫދީ ސިޔާސީ ގުޅުން ކަނޑާލީ ޖެނުއަރީ 2016 ގައެވެ. އެއީ ތެހެރާންގައި ހުރި ސައޫދީގެ އެމްބަސީގައި އީރާންގެ ޝީއީ ގުރޫޕްތަކުން ހުޅުޖެހުމާ ގުޅިގެންނެވެ. މި ހާދިސާގައި ސައޫދީގެ އޮފިޝަލުންނަށް ބޮޑެތި އަނިޔާ ވަނީ ލިބިފަ އެވެ.
ސައޫދީ ދެކެ ޝީއީ ގުރޫޕްތަކުން ރުޅިއަރައިގަތީ ޝީއީންގެ ދަންނަބޭކަލެއް ކަމަށް ބުނާ ނިމްރު އަލް ނިމްރު މަރަން ހުކުމްކޮށް ސައޫދީން އެ ހުކުމް ތަންފީޒުކޮށް އޭނާ މަރާލުމުންނެވެ.
އޭނާ މަރާލަން ޖެހުނީ ސައޫދީގައި ފިތުނަ އުފައްދައި ބައިބައިކުރަން ގޮވާލައި އެއްވުންތައް ބާއްވަން ފެށުމުން އިދާރާތަކުން ތަކުރާރުކޮށް ދިން ނަސޭހަތް އޭނާ ގަބޫލުނުކުރުމުންނެވެ.