ޑީއެންއާރް

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ބަޔަކާ ހަވާލުކޮށްފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ނެޝަނަލް އައިޑެންޓިޓީ ކާޑް) ނުވަތަ އައިޑީ ކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އައިޑީކާޑުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ހަވާލުކޮށްފައި ވަނީ އައިޑީ ކާޑު ފަރުމާ ކުރުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ލިބުނު "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" އާއި އެވެ.

ޑީއެންއާރުން ވަނީ ޑިޒައިނަށް ބަދަލު ގެނައުމަށް "އެންކްރިއާ ޕްރައިވެޓް ލިމިޓެޑް" ހަވާލު ކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ޑީއެންއާރުން ބުނީ އެ ޑިޕާޓްމެންޓުން އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކީ ސްމާޓް އައިޑީ ކާޑެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް ސްމާޓް އައިޑެންޓިޓީ ކާޑެއް އުފެއްދުމަށް ޑީއެންއާރުން ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ނިންމުމާއި ގުޅިގެންނެވެ.

އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރުމަށް ހަވާލުކޮށްފައިވާ އެންކްރިއާ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ގައުމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ވަރަށް ގިނަ މަސައްކަތްތަކެއްވެސް މި ކުންފުނިން ވަނީ ކޮށްފަ އެވެ.

މިހާރު ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އައިޑީ ކާޑަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1984 ތައާރަފް ކުރި ކާޑެކެވެ.