ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރައީސް ސޯލިހްގެ މަރުހަބާ ޗައިނާގެ ރައީސްއަށް

Mar 11, 2023

ޗައިނާގެ ރައީސް ޝީ ޖިންޕިން ފަސް އަހަރުގެ ތިންވަނަ ރިޔާސީ ދައުރަކަށް އަލުން އިންތިހާބުވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސްއަށް ރައީސް ސޯލިހް މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވި ކަމަށް ބުނެފައިވަނީ ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީންނެވެ.

އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޗައިނާގެ ރައީސް ކަމާ ތިންވަނަ ދައުރަކަށް ޝީ ހަވާލުވެވަޑައިގަތުމުންނާއި އަސްކަރިއްޔާގެ ވެރިއެއްގެ ގޮތުން މަގާމާ ހަވާލުވެވަޑައިގަތުމުން ރައީސް ސޯލިހު މަރުހަބާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށެވެ.

ރައީސް ސޯލިހްގެ މެސެޖުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ސޯލިހް އެދިވަޑައިގެންނެވި ކަމަށްވެސް ޗައިނާ އެމްބަސީން ބުނެފައިވެ އެވެ،

ޝީ ޖިންޕިންއަށް ތިންވަނަ ދައުރެއް ދިނުމަށްޓަކައި ޗައިނާގެ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. މިގޮތުން ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް އެންމެ ގިނަވެގެންވެސް އަދާކުރެވޭނީ ފަސް އަހަރުގެ ދެ ދައުރު ކަމަށް އޮންނަ މާއްދާ ވަނީ އުވާލާފަ އެވެ.

ޗައިނާ ރައީސްގެ މަގާމަށް ޝީ ޖިންޕިން އެންމެ ފުރަތަމަ ވަޑައިގަތީ މާޗް 14، 2013 ގައެވެ. އެއަށްފަހު ފަސް އަހަރު ދުވަހުގެ މުއްދަތެއް ފުރިހަމަކުރައްވައި މާޗް 2018 ގައި ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަަޑައިގެންނެވި އެވެ.

ޝީ ޖިންޕިންއަށް މި އަހަރުގެ ފަހުކޮޅު 70 އަހަރު ފުރޭނެ އެވެ. އެހެން ނަމަވެސް، ވެރިކަމުގައި ހުންނަވާނީ ކިހާ ދުވަހެއް ވަންދެންކަން ކަށަވަރެއް ނުވެ އެވެ.