ލައިފްސްޓައިލް

ވާދަޖަހަން ގިނަ އަދަދެއްގެ އަޔަން ޓެބްލެޓްސް ކޭ ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ އޫޓީގެ 13 އަހަރުގެ އަންހެންކުއްޖަކު މާ ގިނައިން އަޔަން ޓެބްލެޓްސްތަކެއް ކެއުމުން މަރުވެއްޖެ އެވެ. ޖައިބާ ފާތިމާ ނަމަކަށް ކިޔާ މި ކުއްޖާ މިދިޔަ ބުރާސްފަތި ދުވަހު މަރުވީ 45 ގުޅަ އަޔަން އަދި ފޮލިކް އެސިޑް ގުޅަ ކައިގެންނެވެ. މިއީ އެ ކުއްޖާ އަމިއްލައަށް މަރުވާން ކޭ އެއްޗެއް ނޫނެވެ. އަދި މި ބޭސްތައް ކައިގެން މަރުވެދާނެކަމަކަށް މި ކުއްޖާ ހިތަކަށް ވެސް ނާރަ އެވެ.

އޫޓީ މުނިސިޕަލް އުރުދޫ މިޑްލް ސްކޫލްގެ އަށް ވަނަ ގްރޭޑްގައި ކިޔަވާ މި ކުއްޖާ މި ބޭސްތައް ކެއީ ކްލާސް ކުދިންނާ ވާދަ ޖެހުމުގެ ގޮތުންނެވެ. މި ކުއްޖާއާއެކު އިތުރު ހަތަރު ކުއްޖަކު މި ވާދަ ޖެހުމުގެ ބައިވެރިވެ ބޭސް ކައިފައި ވެއެވެ. ނަމަވެސް އެކުދިން ކައިފައިވަނީ 10-15 ވަރަކަށް ގުޅަ އެވެ. ފާތިމާ ވަނީ 45 ގުޅަ ބޭސް ކައިފަ އެވެ.

މި ބޭސްތައް ކެއީ ކްލާސް ތެރޭގައި ތިބެގެންނެވެ. އަދި ކެއުމާއި ހުރިހާ ކުދިން ހޭނެތިގެން ކްލާސްރޫމް ތެރެއަށް ވެއްޓިގެން ސަރުކާރު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެންމެ ގިނަ ބޭސް ކެއީ ފާތިމާ ކަމުން އެންމެ ހާލު ދެރަވީ އޭނާގެ އެވެ. އަދި ކޮއިމްބަތޯރު ގަވަންމަންޓް ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ ތިން ވަނައަށް ވީ ދުވަހު ފާތިމާ ވަނީ މަރުވެފައެވެ.

ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު މިހާރު ވަނީ މުޅިން ރަނގަޅުވެގެން ގެޔަށް ދޫކޮށްލާފަ އެވެ. އަނެއް ކުއްޖާގެ ފުރާނަ ސަލާމަތްވީ ނަމަވެސް އޭނާގެ ލިވާ (ފުރަމޭ) އަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

މި ކުދިން ކައިފައިވާ އަޔަން ޓެބްލެޓްސް ތަކަކީ ހެލްތު ޑިޕާޓްމަންޓުން އެ ސްކޫލް ކުދިން ކެއުމަށް ބެހި ބޭސް ތަކެއް ކަމަށް ސްކޫލުން ބުނެފައި ވެއެވެ. ނަމަވެސް ބޭސް ކުދިންނަށް ދިނީ ހަފުތާއަކު އެންމެ ގުޅައެއް ކެއުމަށެވެ.

މި ސްކޫލްގައި 249 ދަރިވަރުން ކިޔަވަމުން ދެއެވެ. އަދި މީގެން ކޮންމެ ދަރިވަރަކަށް 50 ގުޅަ ދޭގޮތަށް ހަމަޖައްސައި ކޮންމެ ކްލާހެއްގެ ވެސް އިންޗާޖަކަށް ހުންނަ ޓީޗަރާ ބޭސްތައް ހުރީ ހަވާލުކޮށްފަ އެވެ. މި ބޭސްތައް ހުންނަނީ އޮފީހުގަ އެވެ. ހަފުތާއަކު އެއް ދުވަހު ކޮންމެ ކުއްޖަކަށް ބޭސް ގުޅައެއް ދޭން ހަމަޖެހިފައިވަނީ އެ ޓީޗަރުގެ އަތުންނެވެ.

ނަމަވެސް މި ކުދިން ބޭސްތައް ކޭ ދުވަހު ބޭސްތަކާ ހަވާލުވެ ހުރި ޓީޗަރު ހުރީ ސަލާމުގަ އެވެ. ފާތިމާގެ މަންމައަކީ އެ ސްކޫލްގެ އުރުދޫ ޓީޗަރެކެވެ. އެހެންވެ ފާތިމާ ގޮސް އެ ބޭސްތައް އޮފީހުން ގެނައީ އަމިއްލައަށެވެ.

މި ހިތާމަވެރި ހާދިސާ އާ ގުޅިގެން އެޑިޔުކޭޝަން ޑިޕާޓްމަންޓުން ވަނީ ސްކޫލްގެ އަށް ޓީޗަރަކަށް ނޯޓިސް ފޮނުވާފަ އެވެ. އަދި މި ހާދިސާ ހިނގި ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށް ފޮނުވަން ހެޑްމާސްޓަރަށް ވަނީ އަންގާފަ އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި އަޔަން އެންޑް ފޮލިކް އެސިޑް ސަޕްލިމެންޓަކީ މާބަނޑު މީހުންގެ ބަނޑުގައި އޮންނަ ދަރިފުޅުގެ ރައްކާތެރިކަމަށްޓަކައި އަދި މާބަނޑު މީހާގެ ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ލެޔާއި ދަގަނޑުބައި ބެހެއްޓުމަށްޓަކައި ކާންޖެހޭ ބޭހެކެވެ. މި ބޭސް ކާން ޖެހެނީ ދުވާލަކު އެންމެ ގުޅައެކެވެ.

މި ބޭހުގެ އެންމެ މިލިގްރާމަކަށް ވުރެ ގިނައިން ދުވާލަކު ކެއުން ރައްކާތެރިނޫންކަމަށް ވަރަށް ގިނަ ދިރާސާ ރިޕޯޓުތަކުގައި ބުނެފައި އެބަހުއްޓެވެ. މި މިންވަރަށް ވުރެ ގިނައިން ކެވިއްޖެނަމަ ބޭރަށް ހިންގައި، މޭނުބައިކޮށް، ހަމުގެ މައްސަލަތައް ދިމާވެ އަދި ފިޓް ޖެހުން ފަދަ ސައިޑް އިފެކްޓްސްތައް ދިމާވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.