ފިނިޕޭޖް

ގޯސްޓަޑް އަންނަ މަހު ދައްކަން ފަށަނީ

މާވެލްގެ "ކެޕްޓަން އެމެރިކާ"ގެ ކްރިސް އެވަންސް އާއި އާނާ ޑި އާމަސްގެ އާ ފިލްމް -- "ގޯސްޓަޑް"ގެ ޓްރޭލާ ނެރެފި އެވެ.

އެޕަލް ޕްލަސް ޓީވީގެ "ގޯސްޓަޑް" އަކީ އެކްޝަން އަދި ރޮމޭންސް ފިލްމެކެވެ. މި ދެ ތަރިން ވަނީ މީގެ ކުރިން "ނައިވްސް އައުޓް" އާއި "ދަ ގްރޭ މޭން" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

"ގޯސްޓަޑް"ގެ ޓްރޭލާ އިން ފެންނަ ގޮތުގައި ކޯލް (ކްރިސް) އާއި ސޭޑީ (އާނާ) އެކުގައި ދުވަސް ހޭދަކުރާތަން ދައްކަ އެވެ. ކޯލްގެ އާއިލާ ގާތު ސޭޑީގެ ވާހަކަ ބުނާފަހުން، ސޭޑީ މެސެޖަކުން ކޯލްއާ ހުރިހާ ގުޅުމެއް ކަނޑާލަ އެވެ.

ކޯލް ސޭޑީ ގާތަށް ލަންޑަނަށް ދާ ތަނާ ބަޔަކު ކިޑްނެޕް ކުރާ މަންޒަރުވެސް ފެނެ އެވެ. ސޭޑީ އަކީ ސީއައިއޭގެ އޭޖެންޓެއްކަން ހާމަވެ އެވެ. ދެން ފެންނަނީ އެކްޝަން ގިނަ ސީންތަކެއްގައި ކޯލް އާއި ސޭޑީ އެ މީހުން ކިބައިން ސަލާމަތްވާން މަސައްކަތްކުރާ ތަނެވެ.

ޑެކްސްޓާ ފްލެޗާ ޑައިރެކްޓްކުރި މި ފިލްމްގެ ކާސްޓްގައި އޭޑްރިއަން ބްރޯޑީ، މައިކް މޯ، މަރްވާން ކެންޒާރީ، އާނާ ޑީވިއާ ސްމިތް، ލިޒީ ބްރޯޑްވޭ، މުސްތަފާ ޝާކިރު، އޭމީ ސެޑާރިސް، ޓިޔާ ސަކާ އާއި، ޓޭޓް ޑޮނޮވަން ހިމެނެ އެވެ.

މި ފިލްމް ރިލީޒްކުރާނީ އަންނަ މަހު 21 ވަނަ ދުވަހު އެވެ.