ޑރ. އަބްދުﷲ މައުސޫމް

ލަންކާގެ ޓޫރިޒަމް މިނިސްޓަރަށް މައުސޫމު ރައްދު ދެއްވައިފި

Mar 12, 2023

ރާއްޖެ އަކީ ފޫހިތަނެއް ކަމަށް ވިދާޅުވެ ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ދެއްކެވި ވާހަކަފުޅަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު ރައްދުދެއްވައިފި އެވެ.

ހާރިން ރާއްޖެއާ ގުޅޭގޮތުން ވާހަކަދެއްކެވީ މިދިޔަ ހަފްތާ ޖަރުމަންގެ ބާލިން ފެއާ އަށް ވަޑައިގެންނެވެ.

ހާރިން ވިދާޅުވީ ރާއްޖޭގެ ހަމައެކަނި އެއްޗަކީ "ބީޗު" ކަމަށާއި އެހެންވެ ރާއްޖޭގައި ފަސް ވަރަކަށް ދުވަހަށްފަހު ފޫހިވާނެ ކަމަށެވެ. އެކަމަކު ލަންކާ އަކީ ފަތުރުވެރިންނަށް މާގިނަ ތަޖުރިބާ ކުރެވޭނެ ގައުމެއް ކަމުގައިވެސް ހާރިން ވިދާޅުވި އެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރުގެ ވާހަކަފުޅާ ގުޅިގެން ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ ސޯޝަލްމީޑިއާގައި ފާޑު ކިޔާފަ އެވެ. އަދި ލަންކާގެ ބައެއް ރައްޔިތުންގެ ފަރާތުން ވެސް ހާރިން ފާޑު ކިޔުން އަމާޒުވެފައިވެ އެވެ.

ލަންކާގެ ޓޫރިޒަމް މިނިސްޓަރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ލަންކާގެ މިނިސްޓަރަށް ރައްދުދެއްވާފަ އެވެ. ނަމަވެސް ހާރިންގެ ނަމެއް އަދި ލަންކާގެ ނަމެއްވެސް ވިދާޅުވެފައެއް ނުވެ އެވެ.

މިނިސްޓަރު މައުސޫމު ވިދާޅުވީ ރާއްޖެ އަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާ އިން ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ -- ވޯލްޑް ޓްރެވަލް އެވޯޑްސް އިން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑް ފާއިތުވި ތިން އަހަރުވެސް ހޯދާފައިވާ ގައުމު ކަމަށެވެ.

މައުސޫމު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ރިސޯޓުތައް ހެދި މީހުންގެ މަސައްކަތުން މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާ އިން އެޑިކްޓް އަދި ބެސްޓް މަންޒިލްގެ ގޮތުގައި ބެންޗްމާކެއް ކަމަށެވެ.

"ޝައްކެއް އަދި ހަސަދަވެރިކަމެއް އޮތްނަމަ ލޯގަނޑާ ތަކުރާރުކޮށް ސުވާލުކުރައްވާ،" މައުސޫމު ވިދާޅުވި އެވެ.

ލަންކާ އަކީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެއާ ފައިހަމަކުރުމަށް އަބަދުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާ ގައުމެކެވެ.