ރައްޔިތުންގެ މަޖިލިސް

"ރައީސް ނުފޫޒުގެ ބޭނުން ކުރައްވާ، މީ އިންސާފެއް ނޫން"

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކަށް އެ މަގާމުގެ ނުފޫޒު އިންތިހާބުތަކުގައި ބޭނުން ކުރެވޭ ކަމަށާއި އެއީ އެއްވެސް އިންސާފެއް ނޫން ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އާމިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މަޖިލިސް މެންބަރަކަށް، ކައުންސިލަރަކަށް ނުވަތަ ޑަބްލިއުޑީސީގެ މެންބަރަކަށް އޮތް ފުރުސަތެއް ނޫން އޭނަ އެމަގާމުގައި ހުރެގެން ދެވަނަ ކަމަކަށް ކުރިމަތި ލާއިރުގަ އެއްވެސް ކަހަލަ ނުފޫޒެއް ބޭނުން ކުރުމުގެ. އެއްވެސް ވަސީލަތެއް ބޭނުން ކުރުމުގެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ ބޭފުޅަކަށް އެބަ އޮވޭ،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މިކަން އިލެކްޝަންސް ކޮމިޝަނުން އިސްލާހުކޮށްގެން ނޫނީ މިގައުމުގައި އަދުލްވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އާމިރަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަން ހެދުމަށް ނިންމާފައިވާ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ މެންބަރެކެވެ.

"މިދަނީ ހެޓު ކިޔާފަ، ހެޓު ކިޔާފަ ނުފޫޒު ފޯރުވަމުން. އެކަން ކޮށްފި. ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ހޯދުމަށްޓަކައި، ޕްރައިމަރީ ޓިކެޓް ހޯދުމަށްޓަކައިވެސް އެކަން ކޮށްފި،" އާމިރު ވިދާޅުވި އެވެ.

އާމިރު ވަނީ އިންތިހާބުތަކާއި ގުޅޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ރިޔާސީ އިންތިހާބުގައި މަކަރާއި ހީލަތް ހެދުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަން މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އާމިރުވަނީ ގޮވާލައްވާފަ އެވެ.